Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

އެމްއައިބީ އައްޑޫ ގޮފި މި އަހަރު ފަހުކޮޅު ހުޅުވަނީ

އެމްއައިބީ އައްޑޫ ބްރާންޗް ގާއިމް ކުރުމާ ގޮތުން ގުޅޭ މަޝްވަރާ ކުރަނީ. ފޮޓޯ/ ސޯބެ އެފްބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އައްޑޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ގޮފި މި އަހަރު ފަހުކޮޅު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއައިބީގެ އައްޑޫ ގޮފި ހެދުމަށް ބޭނުންވާ އިމާރާތެއް ހޯދުމާއި ގުޅޭ ގޮތުން އިއްޔެ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި އެ ބޭންކުގެ ސީއީއޯ ހާރިޝް ހާރޫނު ވިދާޅުވީ މި އަހަރު ފަހު ކުއާޓަރުގައި ބޭންކުގެ ގޮފި ހުޅުވުމުުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަރަދޫ ދާއިރާގެ ކައުންސިލާރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގަައި އެމްއައިބީން މާލެ ފިޔަވައި އައްޑޫގައި އެ ބޭންކުގެ ގޮތްޕެއް ހުޅުވަން ނިންމި ކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ޝުކުރު ދެންނެވި ކަމަށެވެ.

ޓޮމް ވިދާޅުވީ އިއްޔެގެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވުނީ ބެންކް ހަދާނެ އިމާރާތަކާއި ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން ކުރީގެ އެސްޓީއޯ ސްޕަމާޓް ހިންގި އިމާރާތް ބަލާފައިވާ ކަމަށެވެ.

"އެ ބޭފުޅުން އައީ އެ އިމާރާތް ވެސް ބަލަން، ސިޓީގެ މެދުގައި ހުރި ތަނަކަށް ވެފައި އެތަނަކީ ކައުންސިލުން ދެ ފަހަރެއްގެ މަތިން ކުއްޔަށް ދޫކުރުމަށް އިއްލާންކޮށް މަސައްކަތް ކުރަމުން އައި އިމާރާތެއް. އެތަނަކީ ބެންކެއް ހަދަން ވަރަށް ފުރުހަމަ ތަނެއް." ޓޮމް ވިދާޅުވިއެވެ.

ޠޮއްޔިބް ވިދާޅުވީ އެތަނަށް އެމްއައިބީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"އެ އިމާރާތް ގާތްގަޑަކަށް ދެ މަހެއްގެ ތެރޭގައި މަރާމާތު ކޮށް ހިންގިދާނެ. އެކަމާއި މަޝްވަރާކޮށްފައި އެބޭފުޅުން އެ ދިޔައީ."

އައްޑޫގައި އެމްއައިބީގެ ބްރާންޗެއް ހުޅުވުމަށް އެދިފައިވާ ކަމަށް އެންމެ ފުރަތަމަ އިއްލާން ކުރެއްވީ އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު މި ޖެނުއަރީ މަހުގެ ތެރޭގައި އައްޑު އަށް ވަޑައިގެން އަދާލަތު ޕާޓީއަށް މީހުން އިތުރު ކުރުމަށް ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މި އަހަރުތެރޭގައި ބޭންކްގެ ގޮތްޕެއް ގާއިމްކޮށް ދެއްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އަދި އެކަން މިނިސްޓްރީން އެމްއައިބީ އަށް ހުށަހެޅީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.

އައްޑޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތިން ބްރާންޗްގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ބްރާންޗެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.