ފެނަކަ ކޯޕަރޭޝަނުން ހިންގާ އައްޑޫ މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތަކަށް މައްސަލަ ޖެހުމާއި ގުޅިގެން އައްޑޫގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓް ކަނޑަން ފަށައިފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތައް މައްސަލަ ޖެހި މަރާމާތު ކުރަމުން ދަނިކޮށް މިއަދު މެންދުރު އިތުރު އިންޖީނަކަށް ވަނީ މައްސަލަ ޖެހިފައެވެ. އެއާއި ގުޅިގެން ލޯޑް ނުހިފެހެއްޓިގެން އެކި ސަރަހައްދުން މިހާރު ދަނީ ކަރަންޓް ކަނޑަމުންނެވެ.
ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ އިންޖީނުތަކަށް ލޯޑު ނުހިފެހެއްޓިގެން އައްޑޫގެ ގުޅިފައިވާ ސަރަހައްދުގެ އެކި ރަށްތަކުން ގަޑިއަކުން ގަޑިއަކުން ކަރަންޓް ކަނޑަމުންދާނެކަމަށެވެ.
މައްސަލަ ޖެހިފައިވާ އިންޖީނުތައް މަރާމާތު ކުރުމަށް ދެ ދުވަހެއް ވަރު ނަގާނެކަމަށް މައުލޫމާތު ލިބެއެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ދެ މެގަ ވޯޓްގެ ދެ އިންޖީނު އައްޑުއަށް ގެނައެވެ. ފުރަތަމަ ގެނައި އިންޖީނު އިންސްޓޯލް ނުކޮށް ބަހައްޓާފައި ހުއްޓާ މިނިވަން 50 އާއި ދިމާކޮށް މާލެވަނީ ގެންގޮސްފައެވެ.
އޭގެ ފަހުން ޗައިނާއިން 2 މެގަ ވޮޓް ދެ އިންޖީނު އައްޑޫއަށް ގެނެސްފައިވާއިރު އެ އިންޖީނު އަހަރު ދުވަސް ވެގެންދާއިރު އަދިވެސް އިންސްޓޯލް ނުކުރެވެއެވެ.
އައްޑޫގައި ކަރަންޓަށް ބޮޑު އަގު ފެނަކައިން ނަގަމުން އަންނަ އިރު ފެނަކަ އިންޖީނުގެތަކަށް ވަރުވަރުން ސިޔާސީ މީހުން ވަނީ ވައްދާފައެވެ. އެމީހުންގެ މަސައްކަތަކީ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ވަކިވަކިން ލިސްޓު ހަދައި ކުންފުނީގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމާއި އެކި ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ބަދަލު ކުރުމެވެ.