Last Updated: June 29, 11:56
Monday, June 29, 2026
ދުނިޔެ

ކަޝްމީރުގެ ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ހަތަރު މަރު

އިންޑިއާގެ ބާރު އޮންނަ ކަޝްމީރްގެ ޕެރަމިލިޓަރީ ކޭމްޕަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާގެ ހަނގުރާމަވެރިއަކާއި އިތުރު ތިން މިލިޓެންޓުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މަޢުލޫމާތި ލިބޭ ގޮތުގައި އެ ހަމަލާ ދޭން ފަށާފައި ވަނީ ސްރީނަގަރް ކައިރީގައި ހުންނަ ކޭމްޕްގައި ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އެ ސަރަޙައްދުގައި ބަޑީގެ ހަމަލާތައް ބަދަލުކުރެވި، އެ ހަމަލާތައް ހުއްޓުވުމަށް އަށް ގަޑިއިރު ނެގިއެވެ.

އެ ހަމަލާ ދީފައި ވަނީ ކޮން ބައެއްކަން އަދި ހާމަކޮށްފައި ނުވެއެވެ.

ކަޝްމީރްގައި އިންޑިއާގެ ބާރު ހިނގާތީ އެކަމާއި ދެކޮޅަށް ހަނގުރާމަ ކުރަން ފަށާފައި ވަނީ 1989 ވަނަ އަހަރު އެވެ. އިންޑިއާ އިން ވަނީ ހަނގުރާމަވެރިންނަށް ޕާކިސްތާނުން އެއްބާރުލުން ދޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެ ހަމަލާ ދިން ކޭމްޕް ހުންނަނީ ސްރީނަގަރްގެ ބައިނަލްއަޤްވާމީ އެއާޕޯޓް ކައިރީގައެވެ. އެހެންކަމުން އެ ހަމަލާގެ ސަބަބުން އަންގާރަ ދުވަހުގެ ހެނދުން ފެށިގެން ފްލައިޓް އޮޕަރޭޝަންތައް ސަސްޕެންޑް ކުރެވުނު ނަމަވެސް، މިހާރު އެއާޕޯޓްގެ އުދުހުންތައް ދަނީ ތާވަލާއި އެއްގޮތަށް ކުރިއަން ދަމުންނެވެ.

ފުލުހުން ޤަބޫލު ކުރަނީ އެ ހަމަލާ ދިން ހަނގުރާމަވެރިންނަކީ ޕާކިސްތާނުން ޓްރެއިން ކޮށްފައިވާ މީހުން ކަމަށެވެ. އެހެންނަމަވެސް އިސްލާމިސްޓް ގްރޫޕެއް ކަމަށްވާ ޖައިޝް-އޭ-މުހައްމަދު އިން ވަނީ އެ ހަމަލާގެ ޒިންމާ ނަގާފައެވެ.