2017 ވަނަ އަހަރުގެ ނޯބެލް ޕްރައިޒް އިން ފިޒިކްސް ތިން ފަރާތަކަށް ދީފިއެވެ.
މިފަހަރު އެ އެވޯޑް ދީފައި ވަނީ އެމެރިކާގެ ތިން ސައިންސްވެރިއަކަށެވެ. އެއީ ގްރޭވިޓޭޝަނަލް ވޭވްސް ކާމިޔާބުކަމާއި އެކީ ޑިޓެކްޓް ކުރި ތިން ފަރާތެވެ.
831،000 ޕައުންޑްގެ އެ އިނާމް ލިބުނު ތިން ފަރާތަކީ ރެއިނާ ވައިސް، ކިޕް ތޯން އަދި ބެރީ ބެރިޝް އެވެ. އެ ފައިސާގެ އިނާމް އެ ތިން ސައިންސްވެރިންގެ މެދުގައި ބަހާލެވޭނެ އެވެ.
އެންމެ ފުރތަމަ ގްރެވިޓޭޝަނަލް ވޭވްސް އަކީ ވާއެއްޗެއްކަން ލަފާކޮށްފައި ވަނީ އެލްބާޓް އައިންސްޓައިން އެވެ. އަދި އެއީ އައިންސްޓައިންގެ 'ޖެނެރަލް ތިއަރީ އޮފް ރިލޭޓިވިޓީ' ގެ އެއް ބިންގަލެވެ.
މި ފަހަރުގެ ނޮބެލް ޕްރައިޒް ލިބުނު ތިން ފަރާތަކީ ވެސް ލިގޯ-ވާރގޯ އޮބްޒަވޭޓަރީގެ މެމްބަރުންނެވެ.
1901 ވަނަ އަހަރުން ފެށިގެން މި އެވޯޑް ވަނީ އިތުރު 204 ފިޒިކްސްގެ މާހިރުންނަށް ދީފައެވެ.
މި ފައިސާގެ އިނާމުގެ ދެބައިކުޅަ އެއްބައި ލިބޭނީ ޕްރޮފެސަރ ވައިސް އަށެވެ. އަދި އިނާމުގެ ދެން ހުރި ބައި އަނެއް ދެ ބައިވެރިންގެ މެދުގައި ހަމަހަމައަށް ބަހާލެވޭނެ އެވެ.