މަސްވެރިންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެން ހޯދުން ކަމަށާއި މި ކަމަށް ހައްލެއް ހޯދުމަށް އައްޑޫގައި އެން ދިރުވާ އާލާ ކުރާނެ ނިޒާމެއް ގާއިމުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ކޮންމެ އަންގާރަ ދުވަހެއްގެ ރޭ މ. ކުނޫސްގައި ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެންވެރިކަމަށް ކުރިމަތިވެފައިވާ މައްސަލަ އަށް ހައްލެއް ހޯދޭތޯ ވަރަށް ފަހުން ބެންކޮކަށް ދަތުރު ކުރެއްވި ކަމަށެވެ.
އެ ދަތުރުން އެނގުނު ގޮތުގައި އެކަން ކުރެވެން އަންނަނީ ވަރަށް ބޮޑު ހޭދައެއްކޮށް ބިން ހިއްކައިގެން ކަމަށާއި ނަމަވެސް ވެރިކަން ލިބިވަޑައިގެންފި ނަމަ އެކަން ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ނިންމައިފިން މާތްﷲގެ ވާގިފުޅާ އެކީގައި ރާއްޖޭގެ އެންމެ މަސްވެރިކަން ރަނގަޅު ހިސާބަކީ ދެކުނު ކަމަށްވާތީ، ދެކުނުގައި، އާދެ. އައްޑު އަތޮޅުގައި އެން ގެންގުޅެވޭނެ ފުރުސަތު، އައްޑޫ ކައުންސިލުން ފުރުސަތު ދެއްވައިފި ނަމަ އަޅުގަނޑުމެންގެ އަމިއްލަ ޑްރެޖަރު ގެންގޮސްގެން ހިއްކައިގެން ނަމަވެސް، ގާތްގަނޑަކަށް ފަނަވަރަކަށް ހެކްޓަރުގެ ބިން ހޯދައިގެން އެ ތަނުގައި މި ދެންނެވި މަސައްކަތް ފަށައި ގަންނަން" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ އައްޑޫގައި އައިސް ޕްލާންޓަކާއި ގޭސް ޕްލާންޓެއްގެ އިތުރުން ފެން ޕްލާންޓެއް ވެސް ގާއިމުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިން ހޯދަން ކައުންސިލަށް ސިޓީއަކުން ހުށަހަޅާފަ އެވެ.