Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ގަން އެއާޕޯޓް މުވައްޒަފުންގެ މުސާރަ ކުޑަކުރި މައްސަލަ ހޫނުވެއްޖެ!

ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެމުވައްޒަފުންގެ މުސާރަ އެކި ފަހަރުމަތިން އެއްވެސް އެންގުމަކާއި ނުލައި ކުޑަކުރަމުންދާ މައްސަލަ ހޫނުވެ މުވައްޒަފުންނާއި މެނޭޖްމަންޓާއި ދެމެދު މައްސަލަ ހޫނުވެއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މުވައްޒަފުންގެ މުސާރަ އެކި ގޮތްގޮތަށް ކުޑަކުރަމުން އަންނަތާ 8 މަސް ދުވަސް ވަރުވަނީ ވެފައެވެ. އެކަމާއި ގުޅިގެން މެނޭޖްމަންޓާއި ވާހަކަދައްކައިގެން ވެސް ހައްލެއް ލިބިފައި ނުވެއެވެ.

މުސާރަ އާއި އެލެވެންސްގެ ކަންކަން ރަނގަޅު ކުރެވޭތޯ އޭއައިއޭގެ ގިނަ މުވައްޒަފުން ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްތިސާމާ ސައީދު ހުންނަވާ "އޭއައިއޭ ސްޓާފް" ވައިބަ ގްރޫޕްގައި ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން ބައެއް މުވައްޒަފުން ދެއްކި ވާހަކަތަކާއި ގުޅިގެން އިއްޔެ ހެނދުނު އިބްތިސާމާ ވަނީ ހުރިހާ މުވައްޒަފުން ވައިބަރ ގްރޫޕުން ބޭރުކޮށްފައެވެ.

"އަޅުގަނޑުމެންގެ އިހްސާސްތައް އެމްޑީއަށް ހާމަ ކުރަން ފެށި ހިސާބުން ހޫނުވީ، މުވައްޒަފުންގެ ތެރެއިން ބައެއް މީހުން ބުނި މިވަރުގެ ކަޑަ މެނޭޖްމަންޓެއް ނުފެންނަކަމަށް، ވާ ނުވާއެއް ނޭގެ، ހަދާ ނަހަދާއެއް، ދެއްކޭ ނުދެއްކޭއެއް އިބްތިސާމާއަކަށް ނޭގޭ، އެހާ ރުންކުރު"

އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ ގްރައުންޑް ހޭންޑްލިން އޭއައިއޭގެ ދަށައް ބަދަލުކޮށް ފަޔަރ ސެކްޝަން ތިން ޝިފްޓަށް ބަދަލުކޮށްފައިވާ އިރު ޝިފްޓެއްގައި މިތިބެނީ 8 ވަރަކަށް މުވައްޒަފުން ކަމަށެވެ. އެ ސްޓާފް ބުނީ ޝިޕފްޓަކަށް 8 މުވައްޒަފުން ލައިގެން ޖެއްސޭނީ ޑޭޝް8ގެ ބޯޓެއް އެކަނި ކަމަށެވެ.

"ތިން ޝިފްޓަށް ފަޔަ ވެސް ބަދަލުކޮށްލީ، ތިމަންނަ ޒިއްމާ ނަގާނަމޭ ކިޔާފައި، އެކަމަކު އެއާޕޯޓް ކޮމްޕެނީގެ އެމްޑީ ނަގަން ޖެހޭނީ ކޮން ޒިއްމާއެއް، ކަމެއް ވެއްޖިއްޔާ ޒިއްމާ ވާން ޖެހޭނީ ޓަވަރުގެ އިން ފަރާތާއި ފަޔަރގެ އިންޗާޖް، މިވަރުވެސް ނޭގޭ"

މުވައްޒަފުންގެ މުސާރައިގެ މައްސަލަ ހައްލު ނުކުރެވި ވަނިކޮށް އެކުންފުނީގެ ހިއުމަން ރިސޯސްގައި އިސްކޮށް މަސައްކަތް ކުރައްވާ ސްޓާފް ވަޒީފާއިން އަމިއްލައަށް ވަކިވި ކަމުގެ އަޑުވެސް ވަނީ ފެތުރިފައެވެ.

މުވައްޒަފުންގެ ގްރޫޕްގައި ފުރަތަމަ އިބްތިޝާމާ ވިދާޅުވީ މުސާރައިގެ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މުވައްޒަފުން ތަކުރާރުކޮށް އަހަމުން ދިޔައީ އެގޮތަށް އެންގުމެއް ނެތި މުސާރަ ކަނޑަމުން އައީ ކީއްވެގެންތޯއެެވެ.

އޭވިއޭޝަން ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅަކު "އައްޑޫލައިވް"އަށް ވިދާޅުވީ އޭއައިއޭގެ ހިންގުމުގައި ބޮޑެތި މައްސަލަތައް ހުރިކަމަށާއި އެކަންކަން ހައްލު ކުރުމުގެ ގާބިލްކަން މިހާރުގެ މެނޭޖްމަންޓްގެ ކިބައިގައި ނެތްކަމަށެވެ.

"އަޅުގަނޑުގެ ވިސްނުން ހުރީ މުޅިން އެހެން ގޮތަކަށް، އަޅުގަނޑަށް ވިސްނެނީ މި އެއާޕޯޓްގެ ކަންކަން ދޯދިޔާކޮށްލަން ރާވައިގެން ހިންގާ ޖަރީމާއެއް ގޮތަށް އެއީ މިތަނުގައި މިފަދަ މައްސަލަތަކެއް ޖެހިއްޖެނަމަ ސްރީލަންކަންގެ ދަތުރުތައް ވެސް މަޑު ޖެހޭނެ، ސްރީލަންކަންވެސް މި ޖައްސަނީ ވަރަށް ހާލުން، ވަރަށް ބޮޑު ރިސްކެއް ނަގައިގެން، އެއާޕޯޓްގައި އަދިވެސް ހައްލު ކުރަންޖެހޭ ކުދިކުދި ގިނަ ކަންކަން އެބަހުރި"

އޭއައިއޭ ސްޓާފް ގްރޫޕްގައި ވާހަކަ ދެއްކި ބައެއް މުވައްޒަފުން މިއަދު ހެނދުނު އެމްޑީ އިބްތިސާމާ އާއި ބައްދަލު ކުރުމަށް ވަނީ އަންގާފައެވެ. މުވައްޒަފުން ބުނީ މިކަމާއި ގުޅިގެން އެއްވެސް މުވައްޒަފަކަށް އެއްވެސް އަދަބެއް ދީފިނަމަ ހުއްޓުމެއް ނެތި މުޒާހަރާ ކުރާނެކަމަށެވެ.

މީގެ ކުރިންވެސް މުސާރައިގެ މައްސަލާގައި އޭއައިއޭ މުވައްޒަފުން ވަނީ އިބްތިސާމާ އާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ.