މޮބައިލް ފޯނުތަކެއް ވަގަށް ނެގި އައްޑޫ ސިޓީ މަރަދޫ މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މާލޭގެ ގެއަކުން މޮބައިލް ފޯނުތަކެއް ނެގުމުން 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ސ.މަރަދޫ ރަތްމާގެ، ޔަމަން ނަޒީރެވެ.
ޔަމަން ނަޒީރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވާ ގޮތުން އޭނާ ވަނީ މާލޭގެ ގެއަކުން ނޮކިއާ 1280 މޯބައިލް ފޯނަކާއި، އައިފޯން 5 މޮޑެލްގެ ފޯނެއްގެ އިތުރުން ސެމްސަންގް ފޯނެއް ވެސް ވަގަށް ނަގާފައެވެ. އެ ފޯނުތައް ވަގަށް ނެގި ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ޔަމަން ނަޒީރު ވަނީ އިއުތިރާފްވެފައެވެ.
ޔަމަން ނަޒީރުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.