ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ބައިނަލް އަގުވާމީ ބައްދަލުވުންތަކުގައި މަސީހަށް ބައިވެރިވެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި މަސީހް ސްރީ ލަންކާގައި ބޭއްވުނު އެސޯސިއޭޝަން އޮފް ސާކް ސްޕީކާސް އެންޑް ޕާލަމެންޓޭރިއަންސްގައި ބައިވެރިވުމުން ފާޑުވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވެފައިވަނީ މަސީހަކީ މިހާރު މަޖިލީހުގެ ރައީސް ނޫން ކަމަށާއި ރާއްޖޭގެ މަޖިލީހުގެ ރައީސްކަން މަސީހަށް ތަމްސީލު ކުރެވިގެން ނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 45 މެމްބަރަކު ސޮއި ކުރައްވާ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށައެޅުމުން މިއަދާ ހަމައަށްވެސް އެވޯޓު ނަގާފައެއް ނުވެއެވެ.
ވޯޓު ނެގުމަށް ފުރަތަމަ ތާވަލުކުރި ދުވަހު މަޖިލިސް ބަންދުކޮށް، ސިފައިންނާއި ފުލުހުން ވެގެން މަޖިލީހުގައި ތަޅު އަޅުވައި މެމްބަރުންނަށް ނުވަދެވޭނެ ގޮތަށް މަޖިލިސް ބޭރުގައި ފޯރިމަރާފައިވެއެވެ. އަދި ފަހުން އެވޯޓު ވަނީ ސަބަބެއް ނެތި ބޭރުކޮށްލާފައެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ މަސީހަކީ އިތުބާރު ނެތް ރައީސެއް ކަމަށާއި މަގާމުގައި ހުންނަނީ ސިފައިން ބޭނުންކޮށްގެން ގާނޫނާއި ޚިލާފަށް ކަމަށެވެ.