Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ނޯޓިހަކާ ނުލައި ކަރަންޓު ކަނޑަނީ ލޯޑް މަތިވުމުން: ފެނަކަ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އިންޖީނުގޭގެ ލޯޑު މަތިވެއްޖެ ނަމަ ނޯޓިސް އަކާއި ނުލައި ވެސް ކަރަންޓު ކަނޑަމުން ގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބައެއް ގޭބިސީތަކަށް އަންގައިފިއެވެ.

ސ.ހިތަދޫގައި ހުންނަ މަރުކަޒީ އިންޖީނުގޭގެ 2 އިންޖީނަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެން، ފެނަކައިން ވަނީ ނޯޓިސް ފޮނުވައި އެކި ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކަނޑަން ފަށާފައެވެ.

އެހެން ނަމަވެސް ފެނަކައިން ގޭބިސީތަކަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވާ ގަޑިތަކާއި ޚިލާފަށް ވެސް ކަރަންޓު ކަނޑަމުން ގެންދާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

"ފެނަކަ އަށް ގުޅުމުން ބުނީ ލޯޑު މަތިވަމުންދާތީ ނުބުނެ ވެސް ކަނޑާލަނީޔޯ. އޭގެ ސަބަބުން އިލެކްޓްރޯނިކް ސާމާނުތައް ވެސް ދަނީ ހަލާކުވަމުން."، ހިތަދޫގެ ވިޔަފާރިވެރިޔަކު ބުންޏެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ފެނަކަ ކޯޕަރޭޝަނުގެ އޮފިޝަލަކު ވެސް ބުނީ ނޯޓިސް ދިނުމެއް ނެތި ކަރަންޓު ކަނޑަމުން ގެންދާކަން ކަށަވަރުކޮށްދީފައެވެ. އޮފިޝަލް ބުނީ ނޯޓިސް ދިނުމެއް ނެތި ކަރަންޓު ކަނޑަނީ ލޯޑު މަތިވެެގެން "ގޮތް ހުސްވެގެން" ކަމަށެވެ.