ރިސޯޓަކުން ފުރައިގެން ހުޅުލެއަށް ޖައްސަން އައި މޯލްޑިވިއަންގެ ސީޕްލޭނެއް މޫދަށް ވެއްޓިއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ހަވީރު 4:21 ހާއިރުއެވެ.
ސީޕްލޭން ވެއްޓުނު މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ސީޕްލޭން ވެއްޓިފައި ވަނީ ބޯވިއްސާރައިގެ ތެރޭގައި ކަނޑަށް ޖައްސަން އުޅެނިކޮށް ސީޕްލޭން ކޮންޓްރޯލުން ނެއްޓިގެން ކަަމަށެވެ.
"ވަރަށް ވިއްސާރަ އަދި އެހާ ވައިގަދަކޮށް އޮތީ. ސީޕްލޭން ޖައްސަން އުޅެނިކޮށް ބޮޑަށް ލަފާކުރެވެނީ ވައިގަދަވެގެން ގޮސް ކޮންޓްރޯލުން ނެއްޓީ ކަމަށް. ވިއްސާރަކަމުން އެއީ ޓީއެމްއޭ ނުވަތަ މޯލްޑިވިއަންގެ ބޯޓެއް ކަން ސާފެއް ނޫން" އޭނާ ބުންޏެވެ.
އޭނާ ބުނީ ބޯޓު ތިރިކުރަނިކޮށް ކޮންޓްރޯލް ނުވެ މޫދުގެ ލޮނުގަޑުގައި ޖެހުމަށްފަހު އަނެއްކާވެސް މައްޗަށް އަރައިގެން ގޮސް އަރިއަޅާލައި ވެއްޓުނީ ކަމަށެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވީ ސީޕްލޭންއިން ދަތުރު ކުރި އެއްވެސް ޕަސިންޖަރަކަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ވެއްޓުނު ބޯޓުގައި 15 ޕަސިންޖަރުން ތިބިކަމަށް މައުލޫމާތު ލިބެއެވެ.