ވެރިރަށް މާލޭގައި ކަރަންޓާއި ފެނުގެ ޙިދުމަތަށް ދޭ އަގުތަކުގައި ރަށްރަށުގައި އެ ޚިދުމަތް ދޭން ފަށައިފިނަމަ ގެއްލުންވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ، އައްޑޫގައި ފެނާއި ކަރަންޓުގެ އަގު މާލެއަށް ވުރެ ބޮޑުކޮށް ނަގާތީ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިގެން ބަލާ މައްސަލައިގައި އެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މާލޭގައި ކަރަންޓާއި ފެނާ ދޫކުރާ ރޭޓުން ރަށްރަށުގައި ދޫކުރަން ފަށައިފިނަމަ ފެނަކައަށް ބޮޑުތަނުން ގެއްލުންވާނެ އެވެ.
ފާއިތުވި ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެނަކަ އިން ވަނީ އައްޑޫގެ އަވަށްތަކުގައި އެ ކުންފުނިން ދެމުން ގެންދާ ފެނުގެ ހިދުމަތުން އަގު ނެގުމަށް ނިންމާފައެވެ.
ފެނަކައިން މައުލޫމާތު ދޭ ގޮތުގައި އައްޑޫގައި ފެނުގެ ޚިދުމަތް ދޭން ފަށާ އިރު ފެން ޓަނަކަށް 65 ރުފިޔާ ޗާޖް ކުރާނެ އެވެ.
މިއީ ވެރިރަށް މާލޭގައި ފެން ޓަނަކަށް ޗާޖް ކުރާ އަގަށް ވުރެ ތިން ގުނަ ބޮޑު އަދަދެކެވެ. މާލޭގައި ފެނުގެ ޚިދުމަތްދޭ އެމްޑަބްލިއުއެސްސީ އިން ފެން ޓަނަކަށް ޗާޖް ކުރަނީ 22ރ. އެވެ.