Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އޯލެވެލަށް އައްޑޫ ދަރިވަރުން ތައްޔާރު ވަނީ ފުޅިބައްތި އަލީގައި!

އައްޑޫގެ އަވަށްތަކުން ދޭތެރެއަކުން ކަރަންޓު ކަނޑަމުން ގެންދިއުމުގެ ސަބަބުން އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ އެކަމާއި ގުޅިގެން އެކުދިންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނި ގޮތުގައި، ރޭގަނޑުގެ ވަގުތުގައި އެމީހުންގެ ދަރިން ކިޔަވަން ޖެހިފައިވަނީ ފުޅިބައްތި ޖަހައިގެން ކަމަށެވެ. އެހެން ނޫންނަމަ ކަރަންޓު އޮންނަ ހިސާބެއްގެ ގެއަކަށް ދަރިފުޅު ގޮވައިގެން ދަނީ ކަމަށެވެ.

ދުވާލުގެ ވަގުތު ތަކުގައި ވެސް އެކި ހިސާބުތަކުން ކަރަންޓު ކެނޑޭތީ، ޓެސްޓް އޮންނަ ގަޑިއަށް ދަރިން ސްކޫލަށް ފޮނުވަން ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ބައެއް ބެލެނިވެރިން ވަނީ ބުނެފައެވެ.

"ކުރީ ދުވަހު އޭނާ(ދަރިފުޅު) ޓެސްޓަށް ދާން ފެންވަރަން ހުއްޓައި ކަރަންޓު ދިޔައީ. އެހެންވެ މިހާރު އެކަމަށް ސަމާލުވެގެން އުޅެން މިޖެހެނީ. އަނެއްކާ ނޯޓިހެއްގައި އޮންނަ ގޮތަކަށް ނޫން މިކަނޑަނީ"، ފާއިޒާ ހަސަން ބުންޏެވެ.

މާދަމާ އޮންނަ އޯލެވެލް ފިޒިކްސް އިމްތިހާނުގައި ބައިވެރިވާ އައިޝަތު ސުހާ ބުނިގޮތުގައި ކަރަންޓު ނެތުމުގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ކިޔެވުމަށް އޭނާ ހެދި ޝެޑިއުލް އާއި އެއްގޮތަށް އެއްކަމެއް ވެސް ނުކުރެވުމުން ފޯކަސް ނުކުރެވޭ ކަމަށް ސުހާ ބުންޏެވެ.

"އަމިއްލަ ޝެޑިއުލް އެއް ހެދީ. އެކަމަކު އެއަށް ފޮލޯ ނުކުރެވޭ. ކަރަންޓު އޮންނަ ގަޑިއަކުތާ ކިޔެވޭނީ. ކިޔަވާ ކުދިންނަށް އެނގޭނެ ކޮންމެ ކޮންމެ ތާކު ފަސޭހަ ނުވާނެ ކަން ކިޔަވަން." ސުހާ ބުންޏެވެ.

ފެނަކައިން ފޮނުވާ ނޯޓިސްތަކާއި އެއްގޮތަށް ކަރަންޓު ކަނޑަމުން އައި ނަމަވެސް މިހާރު އިތުރު އިންޖީނަކަށް ވެސް މައްސަލަ ދިމާވެ ނޯޓިހެއް ދިނުމަކާއި ނުލައި ވެސް މިހާރު ދަނީ ކަރަންޓު ކަނޑަމުންނެވެ.