އެމްޑީޕީގެ މެމްބަރުންނަށް ނޭނގި އެ ފަރާތްތައް އެހެން ސިޔާސީ ޕާޓީތަކަށް ބަދަލު ކުރަމުންދާ ކަމުގެ ޝަކުވާ އެ ޕާޓީގެ ސެކްރެޓޭރިއެޓަށް ކެނޑިނޭޅި ލިބެމުންދާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ބުނީ އެ ސަބަބާ ހުރެ އެ ޕާޓީގެ މެމްބަރުންނާއި، އެ ޕާޓީ އަށް ތާޢީދު ކުރާ މީހުން ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީ ޗެކްކޮށް، ރަޖިސްޓްރީވެފައިވާ ޕާޓީ ބަދަލުވެފައިވާ ނަމަ، އެކަން ވީހާ ވެސް އަވަހަކަށް އެމްޑީޕީގެ މައި އޮފީހަށް އެންގުން މުހިއްމު ކަމަށެވެ.
ފަހަކަށް އައިސް ސިޔާސީ ޕާޓީއަަކަށް ދުވަހަކު ވެސް ސޮއި ނުކުރާ މީހުންނާއި ސޮއި ކުރި ޕާޓީން ނޫން ޕާޓީތަކަަށް ވައްދާފައި ހުންނަ މައްސަލަ އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.
"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި މަރަދޫ މީހަކު ބުނީ އޭނާ ޕާޓީއަކަށް ސޮއި ކުރުމުގެ ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގު ކުރުމުގެ ކުރިން އުވި ނުނި ގޮސް އޮތް ޕީޕަސް ޕާޓީގެ ރަޖިސްޓްރީގައި އޭނާގެ ނަން ހިމަނާފައި އޮތް ކަމަށެވެ.
"ދެން އެ ޕާޓީން ވަކިކޮށް ދިނުމަށް އެދި އެމްޑީޕީ އަށް ސޮއި ކުރީ. އެކަމަމު އަނެއްކާ ބަލާލި އިރު ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރޭޝަންގައި އަޅުގަނޑުގެ ނަން އެބަ އޮތް. މި މައްސަލަ މިހާރު ވާނީ އިލެކްޝަނަ ކޮމިޝަނަށް ހުށަހަޅާފައި،" އޭނާ ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ބިލް އިއްޔެ ތަސްދީގު ކުރުމާ އެކު ރާއްޖޭގައި އޮތް 16 ސިޔާސީ ޕާޓީގެ ތެރެއިން 11 ޕާޓީއެއް ވަނީ އުވިގެން ގޮސްފަ އެވެ. އެއީ 10،000 މެމްބަރުން ހަމަނުވުމާ ގުޅިގެންނެވެ.
ދިހަހާސް މެމްބަރުން ހަމަވާ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޑީއާރްޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އެވެ.