ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ބަލިމީހުން އެބަތިބި ކަމަށާއި ކަރަންޓް ގޮސްދާނެތީ ކަންބޮޑުވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަަކަށް މައްސަލަ ޖެހި ލޯޑު ނުހިފެހެއްޓިގެން ކަރަންޓް ކެނޑޭ ފަހަރުތަކުގައި ހޮސްޕިޓަލުންވެސް ކަރަންޓް ކެނޑޭ ކަމަށާއި ނަމަވެސް ބެކަޕް ސިސްޓަމް ނެތުމުން މުޅި ހޮސްޕިޓަލުން ކަރަންޓް ކެނޑޭކަމަށެވެ.
އެގޮތުން އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރުންވެސް ކަރަންޓް ކެނޑޭއިރު އެދެ ތަނުގައިވެސް ބެކަޕް ސިސްޓަމެއް ނެތެވެ. އެހެންވެ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން ހޮސްޕިޓަލުން ކަރަންޓް ދިޔައިރު އައިސީޔޫގައި 4 ބަލި މީހަކު ބައިތިއްބެވެ.
އައްޑޫން ކަރަންޓް ކެނޑެން ފެށިފަހުން ކުއްލި ގޮތަކަށް ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލުން ވަނީ ކަރަންޓް ކެނޑިފައެވެ. ނަމަވެސް ފެނަކައިން ވަނީ ހާއްސަ އިސްކަމެއްދީގެން ހޮސްޕިޓަލަށް ކަރަންޓް ފޯރުކޮށްދީފައެވެ.
ހިތަދޫގައި ހިންގާ އައިއެމްޑީސީ ހޮސްޕިޓަލްގައި ސިޒޭރިއަން ހަދަން ތައްޔާުވަމުން ދަނިކޮށް ވަނީ ކަރަންޓް ކެނޑިފައެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓް ލިބި އޮޕަރޭޝަން ވަނީ ކޮށްފައެވެ.