Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ހަތަރު ޖަނަރޭޓަރު ސެޓަށް ވަނީ މައްސަލަ ޖެހިފައި!

އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ 11 ޖަނަރޭޓަރ ސެޓްގެ ތެރެއިން 4 ޖެނަރޭޓަރ ސެޓަށް މައްސަލަ ދިމާވެފައިވާ އިރު މިކަން ހައްލުކުރުމަށް ނަގާނެ މުއްދަތެއް ފެނަކަ ކޯޕަރޭޝަންއިން ނުބުނެއެވެ.

މާލެއަށް ވުރެ ބޮޑުކޮށް ކަރަންޓް އައްޑޫ ރައްޔިތުންނަށް ވިއްކާ ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ މައްސަލައިގައި ނެރުނު ނޫސް ބަޔާނުގައި ކަރަންޓް ލޯޑް ހިފާ ތަކެތި ބޭނުން މަދު ކުރުމަށް ވަނީ އެދިފައެވެ.

ތެލާއި ސްޕެއާޕާޓްސް އެކި ކުންފުނިތަކަށް "ކަޓް" ލިބޭ ގޮތަށް ގަންނަ ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ހިންގާ އިންޖީނުގެ އަކީ ފައިދާ އާއި އެކު ހިންގާ މަދު އިންޖީނުގެ ތެރެއިން އެއްތަނެވެ.

އެތަނުގައި މިހާރު މައްސަލަ ޖެހިފައިވަނީ ޔަންމާ 2 ނަންބަރ އިންޖީނާއި ، ކަމިންސް 7،9،11 ނަންބަރު އިންޖީނުތަކުގައެވެ. އެގޮތުން ޔަންމާ 2 ނަންބަރ އިންޖީނުގެ ހޮޅިގަނޑެއް ހަލާކުވެފައިވާއިރު މީގެ ކުރިން ވެސް އެ އިންޖީނަށް ވަނީ ހަމަ އެމައްސަލަ ދިމާވެފައެވެ.

އިންޖީނުގެ ހޮޅިގަނޑު މަރާމާތު ކުރުމަށް މާލެ ފޮނުވާލާފައިވާތާ ހަތަރު މަސްވަނީ ވެފައެވެ. އެ ނުލިބިގެން މިފަހުން އިންޖީނު ހިންގަމުން އައީ ވަގުތީ ހޮޅިގަޑެއް މަރަދޫ ސްލިޕްވޭއިން ހައްދައިގެންނެވެ.

އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ޗައިނާއިން ގެނެސްފައިވާ 2 މެގަވޯޓް ދެ ޖަނަރޭޓަރ ސެޓް ގެނެސްފައިވެއެވެ. އެހެން ނަމަވެސް އެ ޖަނެރޭޓަރތައް އިންސްޓޯލް ނުކޮށް ބަހައްޓާފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެ މަސައްކަތް ލަސްވަމުންދަނީ ކޮންޓްރެކްޓަރގެ މައްސަލައަކުން ކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ކުންފުނީގެ ވެރިން ތިބީ ފައިސާ ދީފައި މަސައްކަތް ކުރުވާ ކުންފުންޏަށް ވަގުތެއް ވެގެން އެމަސައްކަތް ފަށަން ދެން މަޑުކޮށްލައިގެންނެވެ.

ފެނަކަ ކޯޕަރޭޝަންގެ އެތެރޭގެ ކޮރަޕްޝަނާއި ހެދި އިންޖީނު މަރާމާތަށް ބޭނުންވާ ސްޕެއާ ނުލިބޭއިރު ކަރަންޓް ކެނޑުމުގެ ސަބަބުން އާއްމު ރައްޔިތުންގެ އަގު ބޮޑު ސާމާން ދަނީ ހަލާކު ވަމުންނެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން ފެނަކައިން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.