ރައީސް އަބްދުﷲ ޔާމީން ޖަލަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
އައިބީ މިހެން ވިދާޅުވެފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ޗެނަލް13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވި ގޮތުގައި ނަޝީދު ޖަލަށް ވަޑައިގަންނަވަން ޖެހުނު ގޮތަށް ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ. އަދި އެކަމުގެ 100 ޕަސެންޓް ޔަގީންކަން އޮންނެވި ކަމަށް ވެސް އައިބީ ވިދާޅުވިއެވެ.
" އަޅުގަނޑަށް ހަމަ ޔަޤީން ރައީސް ޔާމީން ދާކަށް ނުޖެހޭނެ މުހައްމަދު ނަޝީދު ދިޔަގޮތަށް ޖަލަކަށް[…]ހަމަ އަޅުގަނޑަށް 100 ޕަސެންޓް ޔަގީން"
13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވާފައިވާތީ އެކަން އައިބީ ސިފަކުރެއްވީ "ފިއްލެވުން" ކަމުގައެވެ. އައިބީ ވިދާޅުވީ، ރައީސް ނަޝީދު "ފިއްލަވައިގެން" އިނގިރޭސިވިލާތުގައި އުޅުއްވި ނަމަވެސް ރައީސް ޔާމީން އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށެވެ.
ރައީސް ޔާމީނަށް އަބަދުވެސް ހުޝާމަދުކޮށް ވާހަކަ ދައްކަވަމުން ގެންދަވާ އައިބީ ވިދާޅުވީ ޔާމީން އަކީ ޕްރޮފެޝެނަލް ބޭފުޅެއް ކަމަށާއި އަދި ނަޝީދަކީ އަންޕްރޮފެޝެނަލް ބޭފުޅެއް ކަމަށެވެ.