ހިތަދޫގައި ހިންގާ އައިއެމްޑީސީ ހޮސްޕިޓަލުން މާބަޑު އަންހެނަކު ސިޒޭރިއަން ހަދަން ތައްޔާރުވަމުން ދަނިކޮށް ކަރަންޓް ކެނޑިއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުއެވެ. ކުރީގެ ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ ހިއްސާ އޮންނަ ހޮސްޕިޓަލުން ކަރަންޓް ކެނޑުނުއިރު އެތަނުގަައި ބަހައްޓާފައިވާ ބެކަޕް ޖަނަރޭޓަރ ސިސްޓަމް މަސައްކަތެއް ނުކުރެއެވެ.
އައިއެމްޑީސީގެ އޮފިޝަލަކު ވިދާޅުވީ އޮޕަރޭޝަނަށް ތައްޔާރުވަމުން ދަނިކޮށް ކުއްލި ގޮތަކަށް ކަރަންޓް ދިއުމާއި ގުޅިގެން ވަގުތުން ފެނަކަ ކޯޕަރޭޝަނަށް ގުޅައިގެން ކަރަންޓް ލިބޭ ގޮތް ހަމަޖެއްސިކަމަށެވެ.
"ކަރަންޓް ދިއުމުން މިކޮޅުން ވަގުތުން ފެނަކައަށް ގުޅައިގެން 5 ވަރަކަށް މިނިޓް ތެރޭ އަނބުރާ ކަރަންޓް ފޯރުކޮށްދިފި"
ކަރަންޓް ކެނޑިފައިވަނީ މާބަޑު މީހާ ސިޒޭރިއަން ހެއްދުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީ ވެފައިވަނިކޮށެވެ. ކަރަންޓް "ޔަގީން" ކުރުމަށްފަހު އައިއެމްޑީސީގެ ޑޮކްޓަރުން ވަނީ ސިޒޭރިއަން ހަދާފައެވެ.
އައްޑޫ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަކަށް މައްސަލަ ދިމާވެގެން ކަރަންޓް ކަނޑަމުން އަންނަ އިރު ދޭތެރެ ދޭތެރެއިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންވެސް ކަރަންޓް ކެނޑެއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައިވެސް ބެކަޕް ސިސްޓަމެއް ނެތެވެ.