Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑު އަށް އިތުރު ދެ ޖެނަރޭޓަރު ގެންނަނީ

ފެނަކަ ކޯޕަރޭޝަން ހިތަދޫ ބްރާންޗް އޮފީސް. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

އައްޑޫ ސިޓީގެ މައި އިންޖީނު ގޭގައި ބޭނުންކުރާ 11 ޖަނަރޭޓަރ ސެޓްގެ ތެރެއިން 4 ޖަނަރޭޓަރު ސެޓަށް މައްސަލަ ޖެހި ކަރަންޓު ކެނޑެމުންދާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި އައްޑޫއަށް 2 ޖެނަރޭޓަރ ސެޓް ގެނައުމަށް ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ފެނަކަ އައްޑޫ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، އައްޑޫ އަށް ގެނައުމަށް ހަމަޖެހިފައިވަނީ 1.1 މެގަވޯޓްގެ ޖެނަރޭޓަރ ސެޓަކާއި 1.2 މެގަވޯޓްގެ ޖެނަރޭޓަރ ސެޓެއް ކަމަށެވެ.

ފެނަކަ އައްޑޫ އޮފީހުގެ ސީނިއަރ އޮފިޝަލަކު ބުނި ގޮތުގައި އައްޑޫއަށް ގެނައުމަށް ހަމަޖެހިފައިވާ 2 ޖަނެރޭޓަރ ސެޓް މިހާރު މާލެއިން ފުރުވާލާފައިވާ ކަމަށާއި ހަފްތާ ބަންދުގައި އެ ތަކެތި އައްޑޫއަށް ލިބޭނެ ކަމަށެވެ.

"މޫސުން ރަނގަޅު ނަމަ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ޖެނެރޭޓަރުތައް އައްޑޫއަށް ގެނެވޭނެ. އޭރުން ކަރަންޓު މައްސަލަ އަށް ވަގުތީ ހައްލެއް ލިބޭނެ" އޮފިޝަލް ބުންޏެވެ.

މަރުކަޒީ އިންޖީނުގެ އިން ހަލާކުވެފައިވާ 4 ޖަނެރޭޓަރ ސެޓްގެ ތެރެއިން 1 ޖަނެރޭޓަރ ސެޓް ހޮނިހިރު ދުވަހުގެ ނިޔަލަށް މަރާމާތުކޮށް ނިމޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.