ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އަނެއްކާވެސް ސަރުކާރު ފަޅިއަށް ޖެހިވަޑައިގެންފިއެވެ.
ސަރުކާރުގެ ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީއަށް އަމާޒުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ޓޮމް ވަނީ ސަރުކާރު ފަޅި ދޫކޮށްލައްވާފައެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައިވެސް ޓޮމް ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް މިހާރު އަނެއްކާވެސް ސަރުކާރު ފަޅިއަށް ތޯރިގް ޖެހިވަޑައިގެންފައިވަނީ ތަމްސީލު ކުރައްވާ ދާއިރާގެ ރަށްތަކަށް ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލު ކުރަން އެންވަރަމެންޓު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެނެވެ.
ޓޮމް ވަނީ މި ހަފްލާގައި ރައީސް ޔާމީނަށް ޝުކުރު އަދާ ކުރައްވައި ނަރުދަމާގެ ނިޒާމަކީ އެރަށްތަކަށް ވަރަށް ބޭނުންވެފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.