Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫ ބޮޑުބައެއް އަނދިރީގައި ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ޝަރީފް

އައްޑޫ ސިޓީ ފޭދޫގެ މަގެއް، އެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަމުން އަންނަ އިރު ރައްޔިތުން ތިބީ ކަނު އަނދިރީގައި، ފޮޓޯ: ނިއުޝާދު

އައްޑޫގެ ބޮޑު ބައެއް އޮތީ އަނދިރީގައި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފު ވިދާޅުވެފައިވާ ގޮތުގައި އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ފޯރުކޮށްދޭ މަރުކަޒީ އިންޖީނުގޭގައި ހުރި 11 ޖަނަރޭޓަރ ސެޓްގެ ތެރެއިން މައްސަލަ ކުރިމަތިވެފައިވަނީ 4 ޖަނަރޭޓަރު ސެޓަށް ކަމަށެވެ.

މައްސަލަ ދިމާވެފައިވާ ޖެނަރޭޓަރ ސެޓްތަކުގެ މައްސަލަ އަދިވެސް ހައްލު ނުކުރެވޭކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އައްޑޫ ސިޓީއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ 39 ޓްރާންސްފޯމަރުގެ ތެރެއިން ކަރަންޓް ކަނޑާފައިވަނީ ހަތަރު ޓްރާންސް ފޯމަރުން ކަމަށެވެ.


ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މަރުކަޒީ އިންޖީނުގޭގެ ލޯޑް މަތިވެގެން ނޯޓިސް ދިނުމަކާއި ނުލައި ވެސް އައްޑޫގެ އެކި ސަރަހައްދުތަކުން މިހާރު ދަނީ ކަރަންޓު ކަނޑަމުންނެވެ. އަދި ޝަރީފް ސޮއިކުރައްވައި ނެރުއްވި ސާރކިއުލަރ އެއްގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވަންދެން ކަރަންޓު ބޭނުންކުރާ މިންވަރު ދަށް ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

ނޯޓިހަކާއި ނުލައި ކަރަންޓު ކަނޑަމުން ގެންދާތީ ވިޔަފާރިވެރިންނާޢި އާއްމު ރައްޔިތުން ގެންދަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް ފެނަކަ އައްޑޫ އޮފީހުން ބުނެފައިވަނީ ނޯޓިސް ދިނުމެއް ނެތި ކަރަންޓު ކަނޑަނީ ލޯޑު މަތިވެގެން އެހެން ގޮތެއް ނެތިގެން ކަމަށެވެ.