Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

"ގެއްލުން ވިޔަސް މާލެއާ އަތޮޅުތެރެ ތަފާތުކޮށްގެން ނުވާނެ"

ގެއްލުން ވިޔަސް މާލެއާ ރާއްޖޭގެ އެހެން ހިސާބުތަކާ ކަރަންޓު ދިނުމުގައި އަގު ތަފާތުކުރެވިގެން ނުވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފް ވިދާޅުވެއްޖެއެވެ.

އަރީފް މިހެން ވިދާޅުވެފައިވަނީ ކަރަންޓާ ފެނުގެ އަގު މާލެއާ އެއްވަރަށް އަތޮޅުތެރޭގައި ދޭނަމަ ބޮޑުތަނުން ގެއްލުންވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރުމާ ގުޅިގެންނެވެ.

އަރީފް ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ވިޔަސް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ތަފާތުކުރުން ނައްތާލަން ޖެހޭނެ ކަމަށެވެ. އަދި ކޮރަޕްޝަނުގެ ގޮތުން ދައުލަތަށް މާބޮޑުތަނުން ގެއްލުންވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އައްޑޫގައި ފެނަކައިން ކަރަންޓާއި ފެނުން އަގުބޮޑުކޮށް ފީ ނަގާ މައްސަލަ ހުށައެޅުމުން ކޮމިޓީ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެފައިވަނީ މާލެއާއި އެއް އަގެއްކައި ފެނާއި ކަރަންޓު ދޭން ފަށައިފިނަމަ ކުންފުންޏަށް ބޮޑެތި ގެއްލުން ވާނެ ކަމަށެވެ.

އައްޑޫގައި ފެނުގެ ޚިދުމަތް ފެނަކައިން ދޭން ފަށާފައިވާއިރު ބިލްކުރާއިރު ޓަނަކަށް 65ރ. ޗާޖުކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއީ މާލޭގައި ފެނަށް ޗާޖުކުރާ މިންވަރުގެ ތިން ގުނަ އިތުރު އަދަދެކެވެ.