އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރުތަކަކަށް ދިމާވެފައިވާ މައްސަލަ އާއި ގުޅިގެން މިރޭ ވެސް 5 ސަރަހައްދަކުން ގަޑިއަކުން ގަޑިއަކުން ކަރަންޓު ކަނޑަމުން ގެންދާނެއެވެ.
ފެނަކައިން މައުލޫމާތު ދޭ ގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުން ގެންދާނީ ކޮންމެ ގަޑިއިރަކަށް ވެސް ކަނޑައެޅިފައިވާ 5 ސަރަހައްދަކުން 1 ގަޑިއިރަށް ކަމަށެވެ.
ފެނަކައިން ކަރަންޓު ކަނޑާ 5 ސަރަހައްދުގައި ހިމެނެނީ، ހިތަދޫގެ 3 ސަރަހައްދަކާއި މަރަދޫ، މަރަދޫފޭދޫގެ 1 ސަރަހައްދު އަދި ފޭދޫގެ ވަކި ސަރަހައްދެކެވެ.
އެ ސަރަހައްދުތަކުން ކަރަންޓު ކަނޑާނެ ގަޑިތައް ގޭބިސީތަކަށް ފޮނުވި ނޯޓިސްގައި ބަޔާންކޮށްފައިވާނެ ކަމަށް ފެނަކަ އައްޑޫ އޮފީހުން ބުނެއެވެ.
މިރޭ ވެސް އައްޑޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން ގެންދާއިރު މިއަދު ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހުމަދު ޝަރީފް ވަނީ އައްޑޫގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކަނޑާ ވާހަކަ އަކީ ދޮގެއް ކަމަށް ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވެފައި ވަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ބޭނުންކުރާ 39 ޓްރާންސްފޯމަރުގެ ތެރެއިން ކަރަންޓް ކަނޑާފައިވަނީ ހަތަރު ޓްރާންސް ފޯމަރުން ކަމަށެވެ.
އައްޑޫ ސިޓީގެ މައި އިންޖީނު ގޭގެ 4 ޖަނަރޭޓަރު ސެޓަކަށް މައްސަލަ ޖެހި ކަރަންޓު ކެނޑެމުންދާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި އައްޑޫއަށް 2 ޖެނަރޭޓަރ ސެޓް ގެނައުމަށް ފެނަކައިން މިހާރު ވަނީ ނިންމާފައެވެ.