އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ އިންޖީނުތަކުގައި ދޭތެރެ ދޭތެރެ އިން މައްސަލަ ޖެހި ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވަމުންދާތީ، ކަރަންޓްގެ ފެނަވަރު ރަނގަޅު ކުރުމަށް އިތުރު އިންޖީނެއް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ވިދާޅުވީ އައްޑު އަށް އާ ދެ މެގަވޮޓްގެ އިންޖީނެެއް ގެނައުމާ ގުޅޭ ގޮތުން ނިންމަން ޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް މިހާރު ނިމިފައިާ ކަމަށެވެ. އޭނާ ވިދާޅުވީ ރޯދައިގެ ކުރިން އާ އިންޖީނެއް އައްޑު އަށް ގެންދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
އެގޮތުން އިންޖީނު ގެނެސް ދޭނެ ބަަޔަކު ހޯދުމަށް އަންނަ ހޯމަ ނުވަތަ ބުރާސްފަތީގައި އިއުލާން ކުރާނެ ކަމަށް ނިމާލް ވިދާޅުވި އެވެ.
ނިމާލް އިތުރަށް ވިދާޅުވީ އައްޑު އަަށް ކަރަންްޓްގެ މައްސަލަ ދިމާވެފައިވާ އިރު އައްޑޫ ސިޓީ ކައުންސިލް އިދާރާ ވެސް ހިމެނޭ ގޮތަށް، އެ ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ ނުލިބި އޮތުމާ ގުޅިގެން ވެސް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް މިހާރު ބޭނުން ކުރާ އަށް އިންޖީނުގެ ތެރެއިން ފަސް އިންޖީނަކަށް އެކި ކަހަލަ މައްސަލަތައް ވަނީ ދިމާވެފަ އެވެ. މިކަމާ ގުޅިގެން ދޭތެރެ ދޭތެރެ އިން ދަނީ ކަރަންޓް ކަނޑަމުންނެވެ.
ހުޅުމީދޫން ވެސް ލޯޑްމަތިވާ ވަގުތުތަކުގައި މިހާރު އަންނަނީ ދޭތެރެ ދޭތެރެ އިން ކަރަންޓް ކަނޑަމުންނެވެ.