ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތައް އިނގިރޭސިންނާއި ޖަރުމަނު ކާމިޔާބުކޮށް ވޯލްޑް ކަޕް 2018 އިން ޖާގަ ހޯދާފައިވާއިރު އާޖެންޓީނާ އެއްވަރުވެ މުބާރާތަށް ކޮލިފައިނުވުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.
އިންގްލޭންޑާއި ސްލޮވޭނިއާ ބައްދަލުކުރި މެޗުގެ އެންމެ ފަހު މިނެޓުގައި ހެރީ ކޭން ކާމިޔާބުކުރި ލަނޑާއެކު ކޮލިފައިވެފައިވާއިރު ޖަރުމަނު ވިލާތް ކޮލިފައި ވެފައިވަނީ ހާސްކަމެއް ނެތިއެވެ. އުތުރު އަޔެލެންޑުގެ މައްޗަށް ޖަރުމަނު ކުރި ހޯދާފައިވަނީ ޒުވާން ޓީމެއް ނިކުމެއެވެ.
މެޗުން 1-3 އިން ޖަރުމަނު މޮޅުވެފައިވާއިރު ދެވަނަ މިނެޓުގައި ރޫޑީ ވަނީ ޖަރުމަނަށް ލީޑު ނަގާދީފައެވެ. ވެގްނާ އަދި ޖޯޝުއާ ކިމިޗް ބާކީ ދެލަނޑު އެޓީމަށް ޖަހާ ދީފައިވާއިރު އުތުރު އަޔަލެންޑުގެ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ޖަހާފައިވަނީ މެގެނިސްއެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕް ރަނަރަޕް ޓީމު އާޖެންޓީނާއަށް އަދިވެސް ކުރިމަގެއް ފެނޭ ގޮތެއް ނުވެއެވެ. ޕެރޫއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެކުނު އެމެރިކާގެ ގަދަ ހަތަރެކަށް އާޖެންޓީނާ ވާދަކުރަމުން އަންނައިރު ރޭގެ މެޗުން މޮޅެއް ނުލިބުމުގެ ސަބަބުން ވަނީ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައެވެ.

އަދިވެސް ބާކީ އެއް މެޗު އާޖެންޓީނާއަށް އޮތް އިރު އެ މެޗުގައި ބައްދަލުކުރާނީ އެކުއެޑޯއާ ދެކޮޅަށެވެ. އެކުއެޑޯއަށް މެޗަށް ނިކުންނައިރުވެސް ކޮލިފައި ވުމުގެ ފުރުސަތެއް ނެތެވެ. ނަމަވެސް އާޖެންޓީނާއާއެކު ކޮލިފައިވުމަށް ވާދަކުރާ ޗިލީ ނިކުންނަނީ ކޮލިފައިވެފައިވާ ގްރޫޕުގެ އެއްވަނަ ބްރެޒިލްއާ ދެކޮޅަށެވެ.
އާޖެންޓީނާ މެޗުން މޮޅުވެއްޖެނަމަ ފަސް ވަނައާއެކު ޕްލޭ އޮފްގެ ފުރުސަތެއް ލިބޭނެއެވެ. ކޮލިފައިނުވުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ އާޖެންޓީނާއާ ނުލާ ވޯލްޑް ކަޕް އެންމެ ފަހަކަށް ކުޅެފައިވަނީ 1970 ވަނަ އަހަރުގައެވެ. ވޯލްޑް ކަޕް ތާރީޚުގައިވެސް އާޖެންޓީނާ އަށް ބައިވެރިނުވެވިފައިވަނީ އެންމެ ހަތަރު ފަހަރުގައެވެ.