ދިވެހިރާއްޖޭގައި މީހުންގެ ފުރާނަ ދުއްވާލުން ފަދަ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކަށް ސަރުކާރުން ޚަރަދު ކުރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫނު މިގޮތަށް ވިދާޅުވެފައި ވަނީ "ރަހުމެއް ނެތް ޤަތުލުތައް" މި ނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫނު ވިދާޅުވީ މީހުންމަރާ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކަށް ސަރުކާރުން ހިތްވަރު ދެމުން ގެންދާކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ، އެކިއެކި ނަން ނަމުގައި އެފަރާތްތަކަށް ސަރުކާރުން ފައިސާ ހަރަދު ކުރަމުން ގެންދާ ކަމަށެވެ.
"ޒުވާނުންނަށޭ ކިޔާފައި ވަރަށް ވިޔާނުދާ ޒުވާނުންނަށް ދައުލަތުގެ ބަޖެޓުން ފައިސާތަކެއް އެބަގެންދޭ. އެއީ ކީއްކުރަން ދޭ ފައިސާއެއްތޯ؟ އެއްވެސް ޝައްކެއް ނެތް އެ ވިދާޅުވާ ޒުވާނުންނަކީ ހަގީގީ ހަރުދަނާ ޒުވާނުންނެއް ނޫން. ވިޔާނުދާ، މާރާމާރީ ހިންގާ، މަސްތުވާތަކެތީގެ ވިޔާފަރި ކުރާ މީހުން މަރާ ޒުވާނުން. އެމީހުންނަށް ފައިސާ ދިނީމަ އެ ދެވެނީ އެމީހުންނަށް ހިތްވަރު،" މައުމޫން ވިދާޅުވި އެވެ.
އަދި ބޮޑެތި ކުށްތައް ކުރަމުން ގެންދާ ފަރާތްތަކަށް ފައިސާ ހަރަދުކޮށް ކުށްތައް ކުރުމަށް އެމީހުންނަށް ސަރުކާރުން ހިތްވަރު ދެމުން ގެންދާކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ސަރުކާރުން ބޮޑެތި ކުށްތައް ކުރާ މީހުންނަށް އެހީތެރިވެދޭ ކަމަށް މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތު ކުރަމުންނެވެ. އެހެން ނަމަވެސް މިއީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެވާހަކަ ސިޔާސީ ބޭފުޅަކު ދެއްކެވި ފުރަތަމަ ފަހަރެވެ.