އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރުތަކަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވިފައި ނުވާތީ މިއަދާއި މިރޭ ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން އެބަދެއެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކަނޑަމުން ގެންދަނީ ކޮންމެ ގަޑިއިރަކަށް ވެސް ކަނޑައެޅިފައިވާ ސަރަހައްދަކުން 1 ގަޑިއިރަށެވެ. އެގޮތަށް ކަރަންޓު ކަނޑާނެ ގަޑިތައް އެނގޭ ގޮތަށް ފެނަކައިން ވަނީ ގޭގެއަށް ނޯޓިސް ވެސް ފޮނުވާފައެވެ.
އެހެން ނަމަވެސް އެ ނޯޓިސްގައި މިފަހަރު ވަނީ، އެ ގަޑިތަކުގެ އިތުރުން އެހެން ގަޑިތަކުގައި ވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ އެކަމަށް މައާފަށް އެދޭ ކަމަށް ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރުން ފެށިގެން ފެނަކައިން ދަނީ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ފަށާފައެވެ. އެކަން ފެނަކައިގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.