އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރުތަކަކަށް ދިމާވެފައިވާ މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައިވާއިރު ރައްޔިތުން ތިބީ ގޮތް ހުސްވެފައެވެ. ފެނަކައިން ކަރަންޓުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ބުނި ތާރީޚު ފަހަނަޅައި ހިނގައްޖެއެވެ. މައްސަލަ އަކަށް ހައްލެއް ނުލިބެއެވެ.
ފެނަކައިން ފޮނުވަމުން ދިޔަ ނޯޓިސްތަކާއި އެއްގޮތަށް ކަރަންޓު ކަނޑަމުން ދިޔަ ނަމަވެސް މިހާރު ނޯޓިހަކާއި ނުލައި ވެސް ކަރަންޓު ކަނޑަން ވަނީ ފަށާފައެވެ. އޭގެ ސަބަބުން އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވުން ފަދަ އެތައް މައްސަލައެއް ދަނީ ކުރަމަތިވަމުންނެވެ.
އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް ވެސް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެފައިވާއިރު ވިޔަފާރިވެރިންގެ ޝަކުވާތައް ވެސް އެހާ ބޮޑެވެ. ފިހާރަތަކުގައި ބޭނުންކުރާ އައިސް އަލަމާރިތަކަށް މައްސަލަ ޖެހުމާއި، ކަރަންޓު ކެނޑުމުގެ ސަބަބުން ވިޔަފާރިއަށް އަސަރުކުރާ މައްސަލައަކީ ވެސް އެމީހުންނަށް ބޮޑުވެފައިވާ ކަމެކެވެ. އެހެން ނަމަވެސް މިހުރިހާ ކަމެއްގެ ކަންބޮޑުވުން ހުރީ ހަމައެކަނި ރައްޔިތުންނާއި ހިސާބުގައެވެ.

ރައްޔިތުން އިންތިހާބު ކުރި ކައުންސިލަކުން ވެސް ކަރަންޓުގެ މައްސަލައިގައި ކަންބޮޑުވެގެން އުޅޭ މަންޒަރެއް ނުފެނެއެވެ. ނޫސް ބަޔާނެއް ހާ މިންވަރު ވެސް ނެރެލާނެ ހިތްވަރެއް ކައުންސިލަރުންގެ ކިބައިގައި ނެތެވެ.
ވެރިރަށް މާލެ ފިޔަވައި އެންމެ ގިނަ މަޖިލިސް މެންބަރުން ތިބި ދާއިރާ އަކީ އައްޑޫއެވެ. އެހެން ނަމަވެސް އެ 7 މެންބަރުންގެ ފަރާތްޕުޅުން ވެސް އެކަށީގެންވާ ގޮތެއްގައި ކަރަންޓުގެ މައްސަލައިގައި މަސައްކަތް ކުރައްވާ ތަނެއް ނުފެނެއެވެ.
މަޖިލިސް މެންބަރުންގެ ތެރެއިން ކަރަންޓުގެ މައްސަލަ ކިރިޔާވެސް ބޮޑުވެގެން އުޅުއްވަނީ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ. ރޮޒެއިނާ ފިޔަވައި އެހެން މެންބަރުންގެ ފަރާތްޕުޅުން އައްޑޫ ކަރަންޓުގެ މައްސަލަ ސީރިއަސްކޮށް ނަންގަވާ ތަނެއް ނުފެނެއެވެ.
މާލެއާ އަޅާ ބަލާއިރު އަތޮޅު ތެރޭގައި ކަރަންޓްގެ ޚިދުމަތް ދޭ އަގު ބޮޑުވެފައިވާ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވިއެވެ. ރޮޒއިނާ ހުށަހެޅުއްވި މައްސަލަ އަށް ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު ) ވެސް ވަނީ އެ ކަމަށް ތާއީދު ކުރައްވާފައެވެ.


ރޮޒެއިނާ އާއި ޝާޑު ފިޔަވައި ދެން ތިއްބެވި މެންބަރުންގެ ފަރާތުން ކަރަންޓުގެ މައްސަލައިގައި މާ ބޮޑު ސީރިއަސް ކަމެއް ނުފެނެއެވެ. އެހެން ނަމަވެސް އެބޭފުޅުން ތަމްސީލު ކުރައްވާ ދާއިރާތަކުގެ ރައްޔިތުން ތިބީ ގޮތް ހުސްވެފައެވެ.
އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުން "އަމާ ބުނީތީ ފަރަށް ދާ" އުސޫލުން ކަރަންޓުގެ މައްސަލައޭ ވިދާޅުވެ ޓްވީޓް ކުރައްވައެވެ. އެހެން ނަމަވެސް މިފަހަރު އެފަދަ ޓްވީޓްތަކެއް ވެސް ނުފެނެއެވެ.
މެންބަރުންގެ ތެރެއިން ޕީޕީޢެމް އަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ(އައިބީ) އަކީ މިފަހަކަށް އައިސް އެންމެ ގިނައިން ޓީވީ ޕްރޮގްރާމްތަކުގައި ވާހަކަ ދައްކަވާ މެންބަރެވެ.
ކަރަންޓުގެ މައްސަލައިގައި އައިބީ ވާހަކައެއް ނުދައްކަވައެވެ. އޭގެ ބަދަލުގައި ގޮވާލައްވަމުން ދަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރުމަށެވެ.
އިދިކޮޅު ފަރާތްތަކުން ވެސް އެކި ކަންކަމުގައި ސަރުކާރަށް ފާޑުވިދާޅުވެ ޕެނަލް ޑިސްކަޝަންތަކާޢި ޖަލްސާތައް ބާއްވަމުން ގެންދާއިރު އައްޑޫ ކަރަންޓުގެ މައްސަލައިގެ ވާހަކައެއް ނުދައްކަވައެވެ. އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކާޢި އިހްސާސްތައް އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
ސިޔާސީ ފަރާތްތަކުން އައްޑޫ ކަރަންޓުގެ މައްސަލައިގެ ވާހަކަ ނުދައްކަވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އައްޑޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުން ދަނީ ސިޔާާސީ މީހުންނަށް ކަރަންޓު މައްސަލަ ބޮޑުވެގެން ނޫޅެނީ އިންތިހާބު ތަންކޮޅެއް ދުރުގައި އޮތުމުން ކަމަށެވެ.