Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މި ފަހަރު ނޮބެލް ޕީސް ޕްރައިޒް އައިކޭން އަށް

މި އަހަރުގެ ނޮބެލް ޕީސް ޕްރައިޒް ލިބިފައި ވަނީ ނިއުކްލިއާ ހަތިޔާރު ނައްތާލުމަށްޓަކައި ކުރާ ބައިނަލްއަޤްވާމީ ކެމްޕެއިނަށެވެ.

"އިންޓަނޭޝަނަލް ކެމްޕެއިން ޓު އެބޮލިޝް ނިއުކްލިއާ ވެޕަންސް" (އައިކޭން) ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިނަށް ނޮބެލް ޕްރައިޒް ލިބިފައި ވަނީ އިއްޔެ އެވެ.

އެގޮތުން ޖުމްލަ 1.10 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އިނާމް އެ ކެމްޕެއިން ހިންގާ ފަރާތްތަކާއި ހަވާލު ކުރެވޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގައި އޮސްލޯގައެވެ.

އައިކޭން އަކީ 100 އަށްވުރެ ގިނަ ޤައުމްތަކުގެ އަމިއްލަ ޖަމިއްޔާތަކުގެ ހިއްސާ އޮންނަ ކޯލިޝަނެކެވެ. އެ ކެމްޕެއިން އަކީ އޮސްޓްރޭލިއާ ގައި ފެށިގެން ދިޔަ ކެމްޕެއިނެކެވެ. އަދި ރަސްމީ ގޮތުން އެ ކެމްޕެއިން ލޯންޗް ކޮށްފައި ވަނީ 2007 ވަނަ އަހަރު ވިއެނާ ގައެވެ.

ނޮވޭޖިއަން ނޮބެލް ކޮމެޓީގެ ލީޑަރު ވިދާޅުވި ގޮތުގައި ނިއުކްލިއާ ހަތިޔާރުތައް އަދުގެ ދުނިޔޭގައި ބޭނުންކުރުމުގެ ފުރުސަތު ކުރިއަށްވުރެ މާބޮޑު ކަމަށެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި 122 ޤައުމަކުން ވަނީ ނިއުކްލިއާ ހަތިޔާރު މަނާކުރުމަށް އދ. އިން އެކުލަވާލި އެއްބަސްވުމުގައި ބައިވެރިވެފައެވެ. އެހެންނަމަވެސް ނިއުކްލިއާ ހަތިޔާރުތައް ގެންގުޅޭ ބައެއް ޤައުމްތައް ކަމަށްވާ އެމެރިކާ، ރަޝިޔާ، ޗައިނާ އަދި އިނގިރޭސިވިލާތުގެ އިތުރުން ފްރާންސް އިން ވަނީ އެ އެއްބަސްވުމުގެ ބައިވެރިވުމާއި ދެކޮޅު ހަދާފައެވެ.

ނޮބެލް ޕްރައިޒް ގެ މައިގަނޑު އެއް މަޤްސަދަކީ އެމެރިކާ އާއި ދެކުނު ކޮރެއާ އާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނައްތާލުމެވެ.