ދެކުނު އިރުމަތީ އަރޫނަޗަލް ޕްރަދޭޝްގައި އިންޑިއަން އެއާ ފޯސްގެ ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހާދިސާގައި ހަތް މީހުން މަރުވެއްޖެ އެވެ.
މި ހާދިސާ ގައި މަރުވެފައި ވަނީ ހަތް މިލިޓަރީ އޮފިސަރުންނެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހު އިންޑިއާ ގަޑިން 06:00 ހާއިރު އެވެ.
މަރުވި މީހުންގެ ތެރޭގައި އެއާ ފޯސް ކްރޫގެ ފަސް މެމްބަރުންނާއި އިންޑިއާ ސިފައިންގެ ދެ އޮފިސަރުން ހިމެނެއެވެ.
މި ހާދިސާ ހިނގި ގޮތް ތަހުޤީގު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެމްއައި-17 ވީ-5 އަކީ އެންމެ ޒަމާނީ މިލިޓަރީ ހެލިކޮޕްޓަރުގެ ތެރޭގައި ހިމެނޭ އުޅަނދަކަށް ވީނަމަވެސް، އިންޑިއަން އެއާ ފޯސްގެ އުޅަނދުތައް މަރާމާތު ނުކުރުމުގެ ސަބަބުން މީގެ ކުރިންވެސް ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ.
އެގޮތުން ފާއިތުވި 30 އަހަރުގެ ތެރޭގައި 170 އަށްވުރެ ގިނަ ހެލިކޮޕްޓަރު އަދި ފްލައިޓް ދުއްވާ ޕައިލަޓުން މަރުވެފައިވާ ކަމަށް އޭއެފްޕީގެ ރިޕޯޓްތައް ބުނެއެވެ.
އެއާ ފޯސް އިން ދަނީ ދުވަސްވީ އުޅަނދުތައް އާ ކުރުމަށްޓަކައި އެތައް ބިލިއަން ޑޮލަރުގެ ހޭދައެއް ކުރަމުންނެވެ. އެހެންނަމަވެސް އެ މަސައްކަތް ވަނީ އެކި ސަބަބުތަކަށްޓަކައި އެތައް ފަހަރެއްގެ މަތިން ލަސްވެފައެވެ.