Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފެނަކަ އަށް ނުވަންޏާ ރައްޔިތުންނާ އިންޖީނުގެ ހަވާލު ކުރޭ: ސޯބެ

* ކަރަންޓަށް ދިމާވެފައިވާ މައްސަލައިގެ ތަފްސީލް ފެނަކަ އިން ކައުންސިލާއި ހިއްސާ ނުކުރޭ
* އިންޖީނުގެ އެއް ހިންގާނެ ގާބިލް މީހުން އައްޑޫގައި އެބަތިބި
* ކޮންމެހެން ފެނަކައަކުން ހިންގައިގެން ފެނަކައަކުން ކަރަންޓު ހޯދާކަށް ބޭނުމެއް ނޫން.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤް. އައްޑޫލައިވް ފައިލް ފޮޓޯ.

އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ފެނަކަ ކޯޕަރޭޝަނަށް ހައްލު ނުކުރެވޭ ނަމަ އައްޑޫ އިންޖީނުގެ ރައްޔިތުންނާއި ހަވާލުކޮށްދިނުމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ގޮވާލައްވައިފި އެވެ.

ސޯބެ މިހެން ވިދާޅުވެފައި ވަނީ އައްޑޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ އާއި ގުޅޭ ގޮތުން 'ސަންގުޓީވީ' އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ސޯބެ ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ފެނަކައަށް ހައްލު ނުކުރެވޭނަމަ އެކަން އައްޑޫ ރައްޔިތުން ބަލަހައްޓާނެ ކަމަށެވެ. އަދި އިންޖީނުގެ އެއް ހިންގާނެ ކުޅަދާނެ އަދި ޤާބިލް މީހުން އައްޑޫގައި ތިބިކަން ސޯބެ ވަނީ ފާހަގަކުރައްވާފައެވެ.

ފެނަކައަށް ނުވަންޏާ އައްޑޫ ރައްޔިތުން ކަރަންޓުގެ ކަންކަން ބަލަހައްޓާނެ. ކަރަންޓުގެ މައްސަލަ އަކީ މިހެން ދިމާވާން ޖެހޭ މައްސަލަ އެއް ނޫން. އިންޖީނުގެއެއް ހިންގަން އައްޑޫަގައި އެބަތިބި އެކަމަށް ކުޅާދާނަ މީހުން، އެކަމަށް ޤާބިލް މީހުން. -އައްޑޫ މޭޔަރު ސޯބެ-

ސޯބެ ވިދާޅުވީ ކޮންމެހެން ފެނަކައިން ހިންގާ އިންޖީނުގެއަކުން ކަރަންޓު ހޯދަން އައްޑޫ ރައްޔިތުން ބޭނުން ނުވާ ކަމަށާއި އެކަން ކުރަން އެނގޭ މީހުން އައްޑޫގައި އެބަތިބި ކަމަށެވެ. އައްޑޫ ރައްޔިތުންނަށް ހެޔޮއަގުގައި ގަވާއިދުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީގެން ވެސް ދައުލަތަށް ފައިސާ ހޯދައި ދޭނެ ގޮތް ވެސް އެނގިވަޑައިގަންނަވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫއަށް ކަރަންޓުގެ މައްސަލަ ކުރިމަތިވަނީ މެނޭޖް ނުކުރެވިގެން ކަމަށާއި އިންޖީނުތައް ސަރވިސް ނުކުރެވޭ ކަމާއި އެކަމަށް ބޭނުންވާ ސްޕެއަރ ތައް ނުލިބިގެން އުޅޭކަން ފެނަކައިގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.

"ކޮންމެހެން ފެނަކައަކުން ހިންގައިގެން ފެނަކައަކުން ކަރަންޓު ހޯދާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. އެކަން ކުރަން އެނގޭ މީހުން އެބަތިބި. ގަވާއިދުން އައްޑޫ ރައްޔިތުންނަށް ބޭނުންވާ ވަރަށް ހެޔޮއަގުގައި ކަރަންޓު ދީފައި ދައުލަތަށް ބޭނުންވާ ފައިސާ ހޯދަ ދޭނެ ގޮތް ވެސް އަޅުގަނޑުމެންނަށް އިނގޭ. ކޮންމެހެން މީގައި (އިންޖީނުގޭގައި) ބަގުނޑި ބައްދައިގެން ބޭނުންވަރަށް ސިޔާސީ މީހުން ލައިގެން ސިޔާސީ ކުޅިގަނޑު ކުޅުއްވަން އުޅުއްވާނެ ކަމެއް ނެތް."-މޭޔަރ ސޯބެ-

ސޯބެ ވިދާޅުވީ، އައްޑޫ އިންޖީނުގެ އަށް ދިމާވެފައިވާ މައްސަލަ އެނގިވަޑައިގަންނަވަނީ ފެނަކައިގެ މުވައްޒަފުން ފަރާތުން ކަމަަށެވެ. ކަރަންޓަށް ދިމާވެފައިވާ މައްސަލައިގެ ތަފްސީލް ފެނަކަ އިން ކައުންސިލާއި ރަސްމީކޮށް ހިއްސާ ނުކުރާ ކަމަށް ސޯބެ ވިދާޅުވިއެވެ.