އައްޑޫގައި ކަރަންޓުގެ މައްސަލައެއް ނެތްކަމަށް ދޭހަވާ ފަދަ ގޮތަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ދެއްކެވި ވާހަކަތައް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ދޮގުކުރައްވައިފި އެވެ.
ސޯބެ ވިދާޅުވި ގޮތުގައި އައްޑޫއަށް ކަރަންޓުގެ މައްސަލައެއް ނެތް ކަމަށް ފެނަކައިގެ ޝަރީފް މަޖިލީހުގައި ބުނި ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި އައްޑޫގައި ކަރަންޓުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ ޝަރީފް ވިދާޅުވެފައި ވަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވައި ސޯބެ ވިދާޅުވީ އައްޑޫގެ އެކި ހިސާބުތަކަށް ބަހާލައިގެން ކޮންމެ 1 ގަޑިއިރަކުން ކަރަންޓު ކަނޑަމުން ގެންދާ ކަަމަށެވެ.
"ޤަވާއިދުން ހަމަ 1 ގަޑިން 1 ގަޑިން އެކި ހިސާބުތަކުގެ ކަރަންޓު ކެނޑެމުން ދަނީ. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން ފެނަކައިގެ އިސްވެރިން މަޖިލީހުގެ ކޮމިޓީގައި އިހަށް ދުވަހު ކޮމިޓީގައި ދެންނެވި ވާހަކަ އަކީ އެއީ ގޯސް ވާހަކައެއް. އައްޑޫގެ ކަރަންޓުގެ މައްސަލައެއް ނެތް ކަމަށް ވިދާޅުވި ވާހަކަ އަކީ އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން."
ސޯބެ ވިދާޅުވި ގޮތުގައި ކަރަންޓު ނެތި ރައްޔިތުން ހޭދަކުރާ ކޮންމެ ވަގުތަކީ ވަރަށް ދަތިކަމުގައި ހޭދަކުރާ ވަގުތުތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ސޯބެ ވަނީ ފާހަގަ ކުރައްވާފައެވެ.