ޔޫރަޕިއަން ޔޫނިއަން ޕާލަމެންޓުން (އީޔޫ އިން) ރާއްޖެއާ ގުޅޭގޮތުން ފާސްކުރި ޤަރާރާއި އެކު 2018 ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަަށް ކުރިމަތިލެއްވޭނެކަން ކަށަވަރުވެއްޖެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އިއްޔެ ހަވީރު މާލެގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
"އެންމެ ފަހުން އިއްޔެ އީޔޫގެ ޕާލަމެންޓުން ނެރުނު ޤަރާރުގެ ނަތީޖާ އަކީ 2018 ގައި އަޅުގަނޑުމެން ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމުގެ ޔަޤީންކަން ކަށަވަރުވެގެން ދިއުން" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އީޔޫގެ ޤަރާރުން އިދިކޮޅު ފަރާތްތަކަށް ކާމިޔާބީތަކެއް ލިބިގެން ދިޔަ ނަމަވެސް، އެ ޤަރާރުގެ ސަބަބުން ރާއްޖޭގެ ނަން ކިލަނބުވެގެން ދިޔުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމަށް މިއަހަރު 4 އަހަރު ފުރިގެން ދާއިރު ރިޔާސީ އިންތިހާބަށް ދެން މާ ގިނަ ދުވަސްތަކެއް ނެތް ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.