ރައީސް ޑރ. މުޙަންމަދު ވަޙީދުގެ ހަސަން މަނިކުގެ އަރިހަށް، ސާކް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަޙްމަދު ސަލީމް، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި، މި އަހަރު ފަހުކޮޅު ނޭޕާލުގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ސާކް ސަމިޓުގެ ކަންތައްތަކާ ބެހޭ ގޮތުންނާއި ސާކްގެ އެހެނިހެން ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ސާކް ސެކްރެޓެރީ ޖެނެރަލްގެ ވާހަކަފުޅުގައި، 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓުގެ ނިންމުންތައް ތަންފީޒު ކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ސެކްރެޓަރީ ޖެނެރަލް، ރައީސަށް އެރުވި އެވެ.
މީގެ އިތުރުން މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމަށް ތައްޔާރުވުމަށް ކުރައްވަން ޖެހޭ މަސައްކަތްތައް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމަަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ސާކް ކައުންސިލް އޮފް މިނިސްޓަސްގެ ބައްދަލުވުން، ވެވަޑައިގެންހާ އަވަހަކަށް ބޭއްވެވުމަށް އެދިވަޑައިގެންނެވި އެވެ. އަދި އެކަމަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސާކުގެ މި ދައުރުގެ ޗެއަމަނަކީ ރާއްޖެ ކަމަށްވުމާ އެކު، އެ ހައިސިއްޔަތުން ސާކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ސެކްރެޓެރީ ޖެނެރަލް، ރައީސަށް އެރުއްވި އެވެ.