ޔަމަނުގައި ކުރިއަށް ގެންދާ ޤަތުލު އާންމާ ގުޅިގެން ސައުދީ ޢަރަބިއްޔާއިން އެކުލަވާލާފައިވާ އަސްކަރީ ކޯލީޝަނުން ދިވެހިރާއްޖެ ވަކިވުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން (އެމްޑީޕީ) ގޮވާލައިފި އެވެ.
އެމްޑީޕީން މިގޮތަށް ގޮވާލާފައި ވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
ސައުދީ ޢަރަބިއްޔާއިން އިސްވެ ޔަމަނުގައި ކުރިއަށް ގެންދާ ޤަތުލު އާންމާ ގުޅިގެން ސައުދީ ޢަރަބިއްޔާއިން އެކުލަވާލާފައިވާ އަސްކަރީ ކޯލީޝަން އދ. އިން ބްލެކް ލިސްޓް ކޮށްފައެވެ.
ސައުދިއަރަބިއްޔާ އިން އިސްނަގައިގެން އުފައްދާފައިވާ ކޯލީޝާނުން ކުރިއަށް ގެންދާ ޤަތުލު ޢާންމުގައި މައުސޫމް ކުޑަކުދީންނާއި، އަންހެނުން އަދި އެތައްހާސް އާންމު ރައްޔިތުން މެރުމާއި، ރައްޔިތުން ދިރިއުޅޭ ހިސާބުތަކަށް ބޮން އެޅުމާއި މިފަދަ ލާއިންސާނީ ކަންކަން ކުރިއަށްގެންދާތީ، ފައިތުވި ހަފްތާގައި އދ. ގެ ސެކެޓަރީ ޖެނެރެލް ވަނީ މި އަސްކަރީ ކޯލީޝަން ”ލަދު ލިސްޓު“ ގައި ހިމަނާފައެވެ.
ފާއިތުވި އޯގަސްޓް މަހުގެ ތެރޭގައި އދ. އިން އާންމު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން ދިވެހިރާއްޖެ ވެސް ހިމެނޭ އަސްކަރީ ކޯލިޝަނުން ޔަމަނަށް ދިން ޙަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 700 ކުޑކުދިން މަރުވެ، 40 ސްކޫލާއި ހޮސްޕިޓާ ބިމާ ހަމަވެފައިވާ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، ލާއިންސާނީ ޢަމަލުތައް ހިންގާ ކޯލީޝަނަކާ ދިވެހިރާއްޖެއިން ގުޅިފައިވާތީ އެޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި
ދިވެހިރާއްޖެއަކީ ޞުލްޙައަށް ލޯބިކުރާ ޤައުމަކަށްވީހިނދު، މިފަދަ އަނިޔާވެރިކަމަށް ހިތްވަރުދީ ޢަމަލީ ގޮތުން އެކަމުގައި ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ނަން ބޭރު ދުނިޔޭގައި އިތުރަށް ކިލަނބުވެ އެކަހެރިވެގެންދާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
"ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް މިފަދަ ލާއިންސާނީ ކަންކަމުގައި ދިވެހި އަސްކަރިއްޔާ ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.