Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

"ރާއްޖެ ޓީވީ އަންދާލި މުޖުރިމުން ތިބީ ފޮރުވާފައި"

ރާއްޖެ ޓީވީ އަންދާލި މައްސަލާގައި ކުރަމުންދާ ޝަރީއަތަކީ ޖޯކެއް ކަމަށާއި އޭގައި ޝާމިލުވާ ހަގީގީ މުޖުރިމުން ވަނީ ހިމާޔަތްކޮށްފައި ކަމަށް ރާއްޖެ ޓީވީން ބުނެފިއެވެ.

ރާއްޖެ ޓީވީ ބަޔަކު އަންދާލިތާ މިއަދަށް ހަތަރު އަހަރު ފުރިފައިވާއިރު އަދިވެސް އިންސާފު ލިބިފައިނުވާއިރު ރާއްޖެ ޓީވީން ވަނީ އެ ޖަރީމާ ހިންގުމުގައި ސަރުކާރުގެ އިސް ވެރިން ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ކުރިންވެސް ބުނެފައެވެ.

ރާއްޖެ ޓީވީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުން އެމައްސަލާގައި އެންމެ މީހަކާ ދެކޮޅަށް ދައުވާ އުފުލުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

އެޖަރީމާގައި ބައިވެރިވި އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ނުފޮރުޅާނެ އެންމެ ގާކޮޅެއްވެސް ނުބާއްވާނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވިނަމަވެސް ހަގީގަތުގައި އިންސާފު ހޯދާދިނުމަށް އެއްވެސް ކަމެއް ކުރެވުނު ތަނެއް ނުފެނޭ ކަމަށް ބުނެ ރާއްޖެ ޓީވީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސެކިއުރިޓީ ބަލަހައްޓަން ހުރި ސެކިއުރިޓީ ގާޑަށް ހަމަލާ ދިނުމަށްފަހު މޫނު ނިވާކޮށްގެން ތިބި ބަޔަކު ރާއްޖެ ޓީވީ ރޯކޮށް އަންދާލުމުގެ ސަބަބުން ޖުމުލަ 11.65 މިލިއަން ރުިޔފާގެ ގެއްލުން ވެފައިވެއެވެ. ރާއްޖެ ޓީވީން ބުނާ ގޮތުގައި އަދިވެސް އޭގެ އިންޝޫރެންސް ފައިސާ ލިބިފައެއް ނުވެއެވެ.