އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރުތަކަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވިފައި ނުވާތީ މިއަދާއި މިރޭ ވެސް އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކަނޑަން ޖެހިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ދުވާލުގެ ވަގުތުތަކުގެ އިތުރުން މިރޭ ވެސް 2 ގަޑިއިރަކަށް އެކި ހިސާބުތަކަށް ބަހާލައިގެން ވަނީ ކަރަންޓު ކަނޑާފައެވެ.
ފެނަކަ އައްޑޫ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިއަދު 6 ގެ ފަހުން ކަރަންޓު ކަނޑާފައި ވަނީ 2 ގަޑިއިރަށް ކަމަށެވެ. އަދި މިރޭ 9 ގެ ފަހުން ކަރަންޓުގެ ޚިދުމަތް އެއްވެސް ހިސާބަކުން ނުކަނޑާ ކަމަށެވެ.
ފާއިތުވި 4 ދުވަހު ވެސް ފެނަކައިން ވަނީ ހިތަދޫގެ ކޮންމެވެސް 3 ހިސާބަކުން ކޮންމެ ގަޑިއިރަކު ކަރަންޓުގެ ޚިދުމަތް ކަނޑާފައެވެ. އެހެން ނަމަވެސް މިރޭ ކަރަންޓު ކަނޑާފައި ވަނީ ކޮންމެ ގަޑިއިރަކު ވެސް ހިތަދޫގެ 2 ހިސާބަކުންނެވެ.