ރާއްޖޭގެ ގާނޫނު އަސާސީގައި ދިވެހި ރައްޔިތުންނަކީ ދައުލަތުގެ ކުރިމަތީގައި ހަމަހަމަ ބައެއްކަމަށް ލިޔެފައިއޮވެއެވެ. ނަމަވެސް ދިވެހި ރައްޔިތުންނަކީ ހަމަހަމަ ބައެއް ހެއްޔެވެ؟
ދިވެހި ރައްޔިތުންނަކީ ދައުލަތުގެ ކުރިމަތީގައި ދަރަޖަ ތަފާތު ވެގެންވާ ބައެއްކަން ހާމަވެގެންދާ އެންމެ ބޮޑު އެއްކަމަކީ އަސާސީ ހިދްމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނިތަކުން ރައްޔިތުން ތަފާތު ކުރާ މިންވަރެވެ.
މުއްސަދިންނާއި ފަގީރުން އަތުން ރާއްޖޭގައި ޓެކްސް ނަގަނީ އެއްވަރަކަށެވެ. އެއީ މާލެއެއް ރާއްޖެ ތެރެއެއް ތަފާތު ކުުރުމެއް ނެތިއެވެ. ނަމަވެސް އަސާސީ ހިދްމަތާއި ޖެހުމުން ގެއްލުން ވަނީ ކަމަށް ބުނެ އަތޮޅެ ތެރޭ ރައްޔުތުން އަތުން ނަގަނީ ނުބައްދަލު ބޮޑު އަގުތަކެވެ.
ކަރަންޓާއި ފެނުގެ އަގު އަތޮޅު ތެރެއަށް ފޯރުކޮށްދެނީ މާލެއަށް ވުރެ ތިން ގުނަ ބޮޑުކޮށް!
ދައުލަތުން ފޯރުކޮށްދޭ ފެނާއި ކަރަންޓްގެ އަގު އަތޮޅު ތެރޭ ރައްޔިތުންނަށް ބޮޑު ވާހަކައަކީ އާއްމު ވާހަކައެކެވެ. އެކަމަށް ހައްލެއް ލިބެތޯ އަތޮޅު ތެރޭ ރައްޔިތުން އެތައް މުޒާހަރާއެއް ކޮށް އަޑުއުފުލައިފިއެވެ. ނަމަވެސް ސަރުކާރުން އެދެވޭ ޖަވާބެއް ނުދެއެވެ.

އައްޑޫ ރައްޔިތުންނަށް ކަރަންޓާއި ބޯފެން މާލެއަށްވުރެ ތިން ގުނަ ބޮޑުކޮށްދޭ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފެނަކަ ކޯޕަރޭޝަންގެ ވެރިންނާއި އެންވައިރަމެންޓް މިނިސްޓަރގެ އިތުރުން ފެން ކުންފުނީގެ އެމްޑީ އާއި ސްޓެލްކޯގެ އެމްޑީ ހާޒިރު ކުރުމުން އިވިގެން ދިޔައީ ހައިރާން ކުރުވަނިވި ވާހަކަތަކެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޒުހޫރު ވިދާޅުވީ ސްޓެލްކޯގައި 1.6 ބިލިއަންގެ ދަރަނި އޮތް ކަމަށާއި އަހަރަކު 100 މިލިއަން ރުފިޔާގެ ގެއްލުން ކުންފުންޏަށް ލިބެމުންދާކަމަށެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަކީ ސައްތައިން ސައްތަ ދައުލަތުގެ ކުންފުންޏެކެވެ. އެކުންފުނި އުފެއްދީ ކަރަންޓްގެ އަސާސީ ހިދްމަތް ރައްޔިތުންނަށް ފޯރުކޮށްދޭށެވެ. އަމާޒަކީ އަގުހެޔޮ ދެމެހެއްޓެނިވި ހިދްމަތެއް ދިނުމެވެ. ސްޓެލްކޯއިން މިއަދު ކަރަންޓް ފޯރުކޮށްދެނީ މާލެއާއި ވިލިނގިލި އަދި ހުޅުމާލެ ހިމެނޭ ގްރޭޓަރ މާލެއަށެވެ. އެކުންފުންޏަށް ލިބޭ މާލީ ގެއްލުން ކިތަންމެ ބޮޑު ނަމަވެސް މާލެ ހިމެނޭ ސަރައްދުގެ ކަރަންޓް ބިލް އަތޮޅު ތެރޭ ކަރަންޓަށް ވުރެ ބޮޑުތަން ކުޑައެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޒުހޫރު ވިދާޅުވީ ފެނަކައިން ވިއްކާ އަގަށް ވުރެ އަގު ހެޔޮކޮށް އެކުންފުންޏަށް އަތޮޅު ތެރެއަށް ކަރަންޓް ފޯރުކޮށްދެވިދާނެކަމަށެވެ. ޒުހޫރު އެހެން ވިދާޅުވި އިރު ރައީސް ނަޝީދުގެ ސަރުކާރު އަންނަން ދެން އައްޑޫ ފުވައްމުލައް އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ސްޓެލްކޯއިން ވަނީ ކަރަންޓް ފޯރުކޮށްދީފައެވެ.
ފެނަކަ: ކޮރަޕްޝަން ހާއްޔެއް!
ޓެކްސް ދައްކާ އަތޮޅު ތެރޭ ރައްޔިތުންގެ ކަރަންޓް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލު ކުރީ ފެނަކަ ކޯޕަރޭޝަނާއެެވެ. ސްޓެލްކޯ ގޮތަށް މިކުންފުންޏަކީވެސް ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
ފެނަކަ ކޯޕަރޭޝަންއިން ބުނާ ގޮތުން އެކުންފުނީގައި 2000 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގައި އެބަތިއްބެވެ. ކުންފުނީގެ ވެރިން ތިއްބަވަނީ މާލޭގައެވެ. ހެޑް އޮޕީސް ހުންނަނީ މާލޭގައެވެ. ލިޔެ ކިއުމުގެ ހުރިހާ ކަމެއް މާލޭގައެވެ. އަތޮޅު ތެރޭ ރައްޔިތުން ހުރިހާ ކަމަކަށް އެދެންޖެހެނީ މާލޭގައި ހުންނަ ހެޑް އޮފީހަށެވެ.
ސްޕެއާ ޕާޓްސްއިން ފެށިގެން ސްޓޭޝަނަރީ އަތޮޅު ތަކަށް ފޮނުވަނީ މާލެއިންނެެވެ. ކުންފުނީގެ އެކި އިންޖީނުގެ ތަކުގައި އެކި ނަން ނަމުގައި ބޮޑެތި ޑިރެކްޓަރުން ވަޒީފާގައި ތިބެއެވެ. ބައެއް ސަރަހައްދުތަކުގައި 5 ޑިރެކްޓަރުން 6 ޑިރެކްޓަރުން ތިބެއެވެ. ކުންފުނީގައި ހިދްމަތް ހޯދާ 50،000 ހާހަށް ވުރެ ގިނަ ކަސްޓަމަރުން ތިބިއިރު އެންމެ ބޮޑު އޮޕަރޭޝަނެއް ހިނގަނީ އައްޑޫގައެވެ. އައްޑޫ މަރުކަޒީ އިންޖީނުގެ އަކީ ފެނަކައަށް އެންމެ ގިނަ ފައިސާދޭ ތަނެވެ. ޖުމްލަކޮށް ބުނާނަމަ އެންމެ ބޮޑު އަގުގައި އެންމެ ގިނައިން ފައިސާ ދައްކަނީ އައްޑޫ ރައްޔިތުންނެވެ. މި ފައިސާއިން ކުންފުނީގެ ވެރިންގެ މުސާަރަ އާއި ސިޔާސީ ޑިރެކްޓަރުންގެ މުސާރަ އާއި އެލެވެންސްގެ އިތުރުން އެކި އެކި ދަތުރުތަކަށް ހޭދަކުރެއެވެ.

މިހާތަނަށް އާއްމުވެފައިވާ ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ކުންފުނިން ވަނީ މިލިއަނުން މިލިއަނުން ކޮރަޕްޝަންގެ އަމަލު ހިންގާފައެވެ. ޝޫރާ ކިޔާ ކުންފުންޏަކަށް ދިން 17 މިލިއަން ރުފިޔާ އާއި ޖަނަރޭޓަރ ގަތުމަށް ހިންގާފައިވާ މުއާމަލާތަކުގައި ހިމެނޭ ކަރަޕްޝަނެވެ. ކުންފުނީގެ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ ހޯދުމަށް ހިންގާފައިވާ ކަރަޕްޝަންތަކެވެ. މިއީ މިލިއަނުން ގުނާލެވޭ އަދަދުތަކެވެ. މިފަދަ ބޮޑެތި ކަރަޕްޝަން ހިމެނޭ ކުންފުނި ވުޖޫދުގައި އޮތުމަށް ބޭނުންވާ ފައިސާ ލިބެން އޮތީ އެކުންފުނިން ވިއްކާ އެއްޗަކުން އިތުރުކޮށްގެންނެވެ. ކަރަންޓްގެ އަގު ހެޔޮ ނުކޮށް ބޮޑުވަނީ މި ސަބަބާއި ގުޅިގެންކަން ގަބޫލް ކުރެވިދާނެއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގައި ވާަހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ އެކުންފުނިން ވިއްކާ ކަރަންޓާއި ފެނުގެ އަގު ކުޑަ ކޮށްފިނަމަ ކުންފުންޏަށް ލިބޭނީ ބޮޑު ގެއްލުމެވެ. ސުވާލަކީ މިހާރު ކުންފުންޏަށް ފައިދާ ވޭތޯއެވެ. ފައިދާ ވާނަމަ މިލިއަނުން ހޯދާ ފައިދާއިން ކުރަނީ ކޮންކަމެއް ހެއްޔެވެ.
ސްޓެލްކޯ އާއި ފެނަކައިގެ ބަސް ތަފާތު
ކަރަންޓާއި ފެން ފޯރުކޮށްދިނުމުގައި ފެނަކަ އާއި ސްޓެލްކޯގެ ވާހަކަ ތަފާތެވެ. ސްޓެލްކޯއިން ބުނަނީ އެކުންފުންޏަށް އަގުހެޔޮކޮށް ކަަރަންޓް އަތޮޅު ތެރެއަށް ފޯރުކޮށްދެވިދާނެކަށެވެ. ޒުހޫރު އެފަދައިން ވިދާޅުވީ ފެނަކައިން މުވައްޒަފުންނަށް ކުރާ ހޭދަ ކުޑަކޮށް މިހާރުގެ ފެނަކައިގެ ހަރަދަށްވުރެ 20 ގުނަ ދަށްކޮށް ހިދްމަތް ފޯރުކޮށްދެވޭނެކަމަށް ވިދާޅުވެއެވެ.
ނަމަވެސް ފެނަކައިން ބުނަނީ އަގުހެޔޮކޮށް ކަރަންޓާއި ފެން ފޯރުކޮށް ނުދެވޭނެކަމަށެވެ. އޭރުން ކުންފުންޏަށް ބޮޑުތަނުން ގެއްލުންވާނެކަމަށެވެ.
ޓެކްސް ދައްކަނީ އެއްވަރަކަށް!
ކަރަންޓް ފޯރުކޮށްދިނުމަށް ސްޓެލްކޯ އާއި ފެނަކަ ކުންފުންޏާއި ހަވާލު ކުރާކަށް އެއްްވެސް ރައްޔިތަކު ދައުލަތުގެ ކިބައިން ނޭދެއެވެ. ކަރަންޓާއި ބޯފެނުގެ އަސާސީ ހިދްމަތް އެންމެ ފަސޭހައިން އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭނެ ގޮތަކަށް ވިސްނައި ސަރުކާރުން ދެ ކުންފުނި އުފެއްދުމަކީ މައްސަލައެއް ނޫނެވެ. އިދާރީ ކަންކަން ފަސޭހަ ކުރެވޭނެ ގޮތް ދައުލަތުން ބަލަން ޖެހެއެވެ. ނަމަވެސް ދައުލަތުގެ ދެ ކުންފުނިން ދިވެހި ރައްޔިތުން މިހާ ތަފާތުކޮށް ހިތާނަމަ މިއީ މައްސަލައެކެވެ.
އެއީ ރައްޔިތުން ޓެކްސް ދައްކަނީ އެއްވަރަކަށެވެ. މާލެއަށް ވަކިވަރެއް، އަތޮޅު ތެރޭ ރައްޔިތު މީހާ އަތުން ވަކިވަރެއް ޓެކްސް ނެގުމުގައި ތަފާތެއް ނެތެވެ. ވީއިރު މިފަދައިން މާލެ އާއި އަތޮޅު ތެރޭ ރައްޔިތުން ތަފާތު ކުރުމަކީ ދައުލަތް ފެއިލް ވުމެވެ. މިއީ ސިޔާސީ ފަރާތްތަކާއި ރައްޔިތުން އަޑުއުފުލަންވީ ސަބަބެވެ. މިފަދަ ތަފާތު ކުރުންތަކެއް ގެންގުޅެވިގެން ނުވާނެއެވެ.