Last Updated: June 8, 21:45
Monday, June 8, 2026
ރިޕޯޓް

ޔާމީންގެ މެނިފެސްޓޯއަށް ކަޅިއެއް: ތެޔޮ ބަންކަރު މަޝްރޫޢު ނުފެށި

ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ކުރިމަތިލެއްވީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ވެރިކަމަށް ކުރިމަތިލެއްވި ބޭފުޅަކު ގެންނެވި އެންމެ ވަރުގަދަ މެނިފެސްޓޯ އާއި އެކުގައެވެ. އެމަނިކުފާނު ވެސް ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންގެ ކުރިމަތީގައި އެތައްބައިވަރު ވަޢުދުތަކެއް ވެވަޑައިގަތުމަށް ފަހުއެވެ.

އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަމަށް 4 އަހަރުވާން ކައިރިވެފައި ވާއިރު އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ވިދާޅުވަނީ، މެނިފެސްޓޯގައި ހުރި ކަންތަކުގެ އިތުރަށް ވެސް އެތައް ކަމެއް ރައީސް ޔާމީން ކޮށްދެއްވައިފި ކަމަށެވެ. އިތުރު ދައުރެއް އެމަނިކުފާނަށް ދެއްވަން ޖެހޭ ކަމަށް ވެސް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

ރައީސް ޔާމީން އަށް ސަނާ ކިޔާ ފަރާތްތަކުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް، 2013 ވަނަ އަހަރު އެމަނިކުފާނު ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯގައި ހުރި ހަކަތަ އާއި ގުޅުން ހުރި ވަޢުދުތަކެއް ނުފުއްދެއެވެ. އޭގެ ތެރެއިން އެއްކަމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތެޔޮ ބަންކަރުތައް ހަދާނެ ކަމުގެ ވަޢުދެވެ.

"ރާއްޖޭގެ އުތުރާއި ދެކުނުގައި މަދުވެގެން ހަތަރު ތެޔޮބަންކަރު ހަދާނަން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާއިރު ތެޔޮގަނެ ރައްކާކުރާނަން" ރައީސް ޔާމީންގެ 2013 ވަނަ އަހަރުގެ މެނިފެސްޓޯގައި ވެއެވެ.

ރައީސް ޔާމީންގެ ރިޔާސީ މެނިފެސްޓޯގައި އޭރު ބުނެފައިވާ ގޮތަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު އަންނަ ފަހަރުތަކުގައި އޭގެ މަންފާ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަކަށް ނުލިބެއެވެ. ތެލުގެ އަގު ހެޔޮ ކުރި ނަމަވެސް، ކަރަންޓު ބިލްތައް ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

ފެނަކަ ކޯޕަރޭޝަނުގެ އޯޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އެކުންފުނިން ތެޔޮ ގަންނަމުން ދިޔައީ ބޮޑު އަގުގައެވެ. ތެޔޮ ސަޕްލައި ކުރައްވަމުން ގެންދަވަނީ ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކުންނެވެ.

އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި މަޖިލިސް މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކުން އަތޮޅު ތެރޭގައި ހިންގާ ފެނަކަ އިންޖީނުގެތަކަށް ތެޔޮ ސަޕްލައި ކުރަނީ ރާއްޖެ އެކި ޒޯނުތަކަށް ބަހާލައިގެންނެވެ.

އެހެންކަމުން ރައީސް ޔާމީންގެ ރިޔާސީ ވަޢުދުގައި ބަޔާންކޮށްފައިވާ ތެޔޮ ބަންކަރުތަކަކީ އެއީ ހެއްޔެވެ؟ ނޫންނަމަ ތެޔޮ ބަންކަރުތައް ޤާއިމްކުރާނީ ވެރިކަމުގެ އެންމެ ފަހު އަހަރުގައި ކަމަށް ވެސް ވެދާނެއެވެ.