Last Updated: June 11, 11:23
Thursday, June 11, 2026
ސިޔާސީ

"މަޖިލިސް ހައިޖެކްކޮށްގެން ސުޕްރީމް ކޯޓަކަށް ނޯވެވޭނެ"

ރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެން ސުޕްރީމް ކޯޓަށް ނުތިއްބެވޭނެ ކަމަށާއި، ސިއްރު ވޯޓު ނެގުމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލަ އެ ކޯޓުން އަވަހަށް ނިންމަވަން ޖެހިވަޑައިގަންނަވާނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާފަންނު ހުޅަނގު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އުއްތަމަ ފަނޑިޔާރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގުމުގައި ޢަމަލު ކުރައްވަން އެ މަޖިލީހުން ނިންމަވާފައިވާ ގޮތާ މެދު ގޮތެއް ކަނޑަނާޅުއްވާ، ސުޕްރީމް ކޯޓުގައި ހިފައްހަޓާފައިވާތީ ވެސް އެ މަނިކުފާނު ވަނީ ފާޑު ވިދާޅުވެފަ އެވެ.

"ވޯޓުލުމުގެ މައްސަލަ ހިފަހައްޓައިގެން އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓު އެ ތިއްބަވަނީ ކޮން ބޭނުމެއްގައިތޯ؟ ކޮން ސިޔާސީ ފިކުރެއްގައިތޯ؟ އެއީ އިންސާފެއް ނޫން. އެބޭފުޅުންނަށް ޖެހޭނީ އެމައްސަލަ އަވަހަށް ނިންމަވަން. ރައްޔިތުންގެ މަޖިލީހރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެނެއް ސުޕްރީމް ކޯޓަކަށް ނުތިއްބެވޭނެ. ރައްޔިތުންގެ މަޖިލީހުގެ މަސްޢޫލިއްޔަތެއް މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަން ކުރުމާއި އެމީހުން ވަކި ކުރުން. ދާދި ފަހުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އާއި ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ނިންމެވީމާ، ސުޕްރީމް ކޯޓަށް ކޮން ހައްޤެއްތޯ އޮތީ އެ މައްސަލާގައި ވެސް ހިފަހައްޓައިގެން ތިއްބަވަބަން؟" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ މި މައްސަލަތައް ހިފަހައްޓަވައިގެން ނުތިއްބެވުމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ކިބައިން ވަރަށް އަދަބުވެރިކަމާ އެކު އެދިވަޑައިގެންފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ރާއްޖޭގައި އިންސާފް ގެއްލިގެންދާކަން އުއްތަމަ ފަނޑިޔާރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ޝަރުޢީ ދާއިރާގެ އަދުލުވެރިކަމާއި އިންސާފް ގެއްލިގެން ދާއިރު ވެސް އުއްތަމަ ފަނޑިޔާރު ފާއިތުވި ހަފުތާ ތެރޭގައި ވެސް އިންނެވީ، ޝަރީޢަތް ނިންމަވާނޭ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާއި، އުއްތަމަ ފަނޑިޔާރު، ނުކުމެވަޑައިގެން އެ މަނިކުފާނަށް ކޮންމެ ގޮތެއް ހެއްދެވިޔަސް ޖެހިލުމެއް ނުވާނެ ކަމަށާއި އެމްޑީޕީން ނުކުތް މަސައްކަތް ކާމިޔާބުކޮށްފައި ނޫނީ ހުއްޓާ ނުލާނޭ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އެ މަނިކުފާނު ހުންނަވަނިކޮށް ކަންތައް ކުރެއްވި ގޮތަށް ޢަމަލު ކުރައްވަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ސިޔާސީ ކަންކަމުގައި ވާދަކޮށްގެން، ވޯޓް ހޯއްދަވައިގެން ވަޑައިގެންނެވުމަކީ އެއްގޮތަކަށް ވެސް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން. އެހެން ކަމުން އަޅުގަނޑުމެންނަށް މި ސިޔާސީ ވާދަވެރިން ނައްތާލަން އެބޭފުޅުން މަސައްކަތް ކުރައްވާތަން. އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުއްޓައި، ކެޔަސް ނުކެޔަސް، ދިނަސް ނުދިނަސް ކަނޑާ ކަނޑާ ބަންގަޅީސް އުސޫލުން އަޅުގަނޑު މައްޗަށް ހުކުމް އިއްވިގޮތަށް މިހާރު ވެސް ޢަމަލު ކުރަން." ނަޝީދު ވިދާޅުވި އެވެ.