އެމެރިކާގެ ސިއޭޓްލް ކައިރީގައި ބޭއްވި ކޮންސަޓަށް ފަހު އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނެލީ ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ ވަނީ ނެލީގެ ޓުއާ ބަހުގައި އޭނާ ރޭޕްކުރި ކަމަށް ނެލީގެ މައްޗަށް ތުހުމަތުކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި އެ އަންހެން މީހާ ވަނީ އެ ރޭ ދަންވަރު އެ މައްސަލަ ރިޕޯޓް ކުރުމަށްޓަކައި ފުލުހުންގެ އިމަޖެންސީ ޚިދުމަތަށް ގުޅައިފަ އެވެ. ނެލީ ވަނީ ދެވަނަ ޑިގްރީގެ ރޭޕްގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ޓީއެމްޒީ ވެސް ބުނެ އެވެ.
ނެލީގެ ފަރާތުން ނެރުނު ބަޔާނެއްގައި އޭނާގެ ޤާނޫނީ ވަކީލު ބުނެފައި ވަނީ އެއީ އެއްވެސް ހަޤީގަތެއް ނެތް ތުހުމަތެއް ކަމަށެވެ.

ނެލީގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި އެމެރިކާގެ ޗާޓްތަކުގެ އެއްވަނައިގައި ރަސްކަން ކުރި ލަވަތައް ކަމަށްވާ "ހޮޓް އިން ހިއާ" އާއި "ޑިލެމާ" ހިމެނެއެވެ. ނަމަވެސް ނެލީ އާ މިއުޒިކް ރިލީޒް ނުކުރާތާ މިހާރު ގިނަ އަހަރުތަކެއްވެއްޖެ އެވެ.
ދެހާސް ވަނަ އަހަރު ވެސް ނެލީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ ފަހަރު އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ ޓުއާ ބަހުގެ ތެރެއިން މަސްތުވާތަކެއްޗާއި ބަޑި ފެނުމުންނެވެ.