އައްޑޫ ސިޓީ މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރާ ބައެއް ޖަނެރޭޓަރުތަކަކަށް ދިމާވެފައިވާ މައްސަލަ ހައްލު ނުކުރެވި، އޯވާލޯޑް ވުމުގެ ސަބަބުން ގުޅިފައިވާ އަވަށްތަކުގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލާއިފިއެވެ.
އިންޖީނުގެ އިން ވާހަކަ ދެއްކި އޮފިޝަލަކު ބުނި ގޮތުގައި ކަރަންޓު ކަނޑާލީ އޯވާލޯޑްވެގެން ކަމަށާއި މިހާރު ކަރަންޓު ކަނޑާލި ބައެއް ހިސާބުތަކަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަކަމަށެވެ. އެހެން ނަމަވެސް އިތުރު އިންޖީނަކަށް މައްސަލަ ދިމާ ނުވާ ކަމަށް އޮފިޝަލް ވަނީ ޔަގީންކޮށްދީފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބްލްތަކަކީ 1996 ވަނަ އަހަރު އެޅި ކޭބަލްތަކެކެވެ. އޭރު ހިތަދޫގައި ބޭނުން ކުރަމުން ގޮސްފައި ވަނީ، 350-500 ކިލޯ ވޯޓުގެ ކަރަންޓެވެ. އެހެން ނަމަވެސް މިހާރު ހިތަދޫއަށް 3 މެގަވޯޓަށް ވުރެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރެއެވެ.
ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލްތައް ހިމަވުމުގެ މައްސަލަ އަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އޭގެ ސަބަބުން ބައެއް ހިސާބުތަކުގައި ވޯލްޓޭޖް ޑްރޮޕްވުން ފަދަ މައްސަލަތައް ދަނީ ކުރަމަތިވަމުންނެވެ.
ކަރަންޓު ކޭބަލްތައް ހިމަވުމުގެ ސަބަބުން ވޯލްޓޭޖް ޑްރޮޕް ވުމުގެ މައްސަލަ ހައްލުކުރުމަށް 2016 ވަނަ އަހަރުގެ ތެރޭގައި ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކޭބަލް ވަޅުލައި ނިންމިއެވެ. . އެެހެން ނަމަވެސް އެ ކޭބަލްތައް ގުޅުމަށް ބޭނުންވާ ސާމާނު ނުލިބިގެން އެ މަސައްކަތް މިހާތަނަށް ވެސް ކުރެވިފައެއް ނުވެއެވެ.