މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އިތުރު ދެމީހުންނާއެކު މަސްވެރިކަމަށް ނިކުތް ޕޮލިސް ކޯޕްރަލް މުހައްމަދު ސުމެއިދު ގެއްލިގެން ފުލުހުން ކުރި ތަހުގީގުން އެނގުނު އެއްވެސް އެއްޗެއް އާއިލާއާ ހިއްސާކޮށްފައިނުވާތީ އިންތިހާއަށް ކަންބޮޑުވާކަމަށް އާއިލާއިން ހާމަކޮށްފިއެވެ.
ސުމެއިދުގެ ބައްޕަ، އަބްދުﷲ ރަޝީދާއި ހަވާލާދީ "ރާއްޖެ އެމްވީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުން މިހާތަނަށް ސުމެއިދު ގެއްލިގެން ކުރި ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް އާއިލާއާ ހިއްސާ ކޮށްފައެއް ނުވެއެވެ.
އަދި ތަހުގީގު ނިމިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ދީފައިނުވާތީ ކަންބޮޑުވާ ކަމަށް އޭނާ ބުނެފައިވެއެވެ. ސުމެއިދު ގެއްލުނީ ކިހިނެއްކަން އެނގެން ބޭނުންވާ ކަމަށާއި އެމައުލޫމާތު ހިއްސާ ކޮށްދިނުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޑިންގީއެއްގައި މަސްވެރިކަމަށް ނިކުތް ތިން މީހުންގެ ތެރެއިން ދެމީހުން ޑިންގީ ބަންޑުން ޖަހާލުމުން ކައިރި ފަޅު ރަށަކަށް ވަނީ ފަތާފައި ގޮސް އަރާފައެވެ. ނަމަވެސް ސުމެއިދު ވީނުވީ އެއް މިއަދާ ހަމައަށްވެސް އެނގިފައިނުވެއެވެ. ފުލުހުން ވަނީ އެމްއެންޑީއެފްއާ އެއްކޮށް އެސަރަހައްދު ކަނޑުގެ މަގުންނާއި ވައިގެ މަގުންވެސް ބަލާ ހޯދާފައެވެ.
ނަމަވެސް ސުމެއިދުގެ ފޯނު ފިޔަވައި ފުލުހުންނަށް އޭނާއާ ބެހޭ އިތުރު އެއްވެސް އެއްޗެއް ހޯދިފައިވާ ކަމަށް އެނގިފައެއް ނުވެއެވެ.