އައްޑޫގައި ފެނަކައިން ހިންގާ މަރުކަޒީ އިންޖީނުގޭގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރުތަކަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވިފައި ނުވާތީ މިރޭ ވެސް އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކަނޑަމުން އެބަދެއެވެ.
މިއީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކަނޑަމުން ގެންދާތާ 6 ވަނަ ރެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އެކި ހިސާބުތަކުގައި މިވަގުތު ވެސް ކަރަންޓުގެ ޚިދުމަތެއް ނެތެވެ. ފެނަކައިން މައުލޫމާތު ދޭ ގޮތުގައި އެ އަވަށްތަކުން ކަރަންޓު ކަނޑަމުން ގެންދަނީ ކޮންމެ ގަޑިއިރަކަށް ވެސް ކަނޑައެޅިފައިވާ ސަރަހައްދަކުން 1 ގަޑިއިރަށް ކަމަށެވެ.
އެހެން ނަމަވެސް ފެނަކައިން ދީފައިވާ ޝެޑިއުލް އާއި ޚިލާފަށް ވެސް ކަރަންޓު ކަނޑަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. އެކަމާއި ގުޅިގެން ފެނަކައިން ބުނެފައި ވަނީ، ނޯޓިސް ދިނުމެއް ނެތި ކަރަންޓު ކަނޑަނީ އޯވަލޯޑް ވުމުގެ ސަބަބުން ކަމަށެވެ.
ގުޅިފައިވާ ރަށްތަކުގެ ބޮޑު ބަޔަކުން މިރޭ ވެސް ކަރަންޓު ކަނޑަމުން ގެންދާއިރު، މިއަދުގެ ދުވާލުގެ ވަގުތުތަކުގައި ވެސް ހިތަދޫގެ ބޮޑު ހިސާބަކުން ކަރަންޓު ކެނޑިފައިވެއެވެ.
އައްޑޫގައި ކަރަންޓުގެ ޚިދުމަތް ދިނުމާއި 2012 ވަނަ އަހަރު ފެނަކައިން ހަވާލުވި ފަހުން ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުމަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވެފައިވާ މައްސަލައެކެވެ.
ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 2 ޖަނެރޭޓަރު ސެޓް މިދިޔަ އަހަރުގެ ތެރޭގައި އައްޑޫއަށް ގެނައި ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ޖަނެރޭޓަރުތައް އިންސްޓޯލްކުރެވިފައެއް ނުވެއެވެ.