Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ރައްޔިތުން ކަނު އަނދިރީގައެވެ. އަދިވެސް އަތް ޖަަހަންވީ ހެއްޔެވެ؟

އައްޑޫގައި ފެނަކައިން ހިންގާ މަރުކަޒީ އިންޖީނުގޭގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރުތަކަކަށް ދިމާވެފައިވާ މައްސަލަ ހައްލު ނުކުރެވި މިއަދަށް 6 ދުވަސް ވެގެން ދިޔައީއެވެ.

ނޯޓިހެއް ދިނުމަކާއި ނުލައި ކަރަންޓު ކަނޑަމުން ގެންދާތީ އޭގެ ސަބަބުން ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވަމުންނެވެ. އިލެކްޓްރޯނިކް ސާމާނު ހަލާކުވުމާއި އެތަކެއްޗަށް މައްސަލަ ޖެހޭ ކަމުގެ ޝަކުވާއެވެ. އާންމު ދިރިއުޅުމަށް ބުރޫ އަރާފައިވާއިރު ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ.

މިހުރިހާ ކަންބޮޑުވުމެއްގެ ތެރޭގައި ރައްޔިތުން ތިބި ނަމަވެސް، އައްޑޫ އަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން، ޚާއްސަ ގޮތެއްގައި ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ފަރާތުން ކަންބޮޑުވުމެއް ނުފެނެއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އައްޑޫގެ ކަރަންޓުގެ ޚިދުމަތުގެ އަގު މާލެ އެކޭ އެއް އަގެއްގައި ހުންނަން ޖެހޭނެ ކަމަށް މަޖިލީހުގެ ކޮމިޓީގައި ދެއްކި ވާހަކައަށް ތާއީދު ކުރެއްވިއެވެ. އެހެން ނަމަވެސް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީގެ ފަރާތްޕުޅުން އެވަރު ވެސް ނުފެނެއެވެ.

ޓީވީތަކަށް އަރާވަޑައިގެން ޖޯޝާއި ފޯރީގައި އިބްރާހިމްދީދީ ވާހަކަ ދައްކަވާއިރު އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުނުކުރެވި ދިގުލައިގެންދާތީ އެވާހަކަ އެއް ނުދައްކަވައެވެ. ކަރަންޓު ކަނޑަމުން ގެންދާ އަވަށްތަކުގެ ތެރޭގައި އިބްރާހިމްދީދީ ތަމްސީލް ކުރައްވާ ފޭދޫ ދާއިރާ ވެސް ހިމެނެއެވެ.

ކަރަންޓުގެ މައްސަލައިގައި އައްޑޫ ރައްޔިތުން ރުޅިގަދަވެފައި ތިއްބައި އިބްރާހިމްދީދީ އައްޑޫ ރައްޔިތުންނަށް ގޮވާލަމުން ގެންދަވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރުމަށެވެ. ޕީޕީއެމްގެ އެކްޓިވިސްޓުންގެ ބަހުރުވައިން ބުނާނަމަ ބާރަށް އަތް ޖެހުމަށެވެ.

އިބްރާހިމްދީދީ ވިދާޅުވި ނަމަވެސް އައްޑޫ ރައްޔިތުން ރައީސް ޔާމީނަށް ޝުކުރު އަދާކުރަން ބަލާއިރު އެމީހުންނަށް 24 ގަޑިއިރު ކަރަންޓް ޔަޤީނެއް ނޫނެވެ. ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެއްޖެއެވެ. ފެނަކަ ކޯޕަރޭޝަނުން އެމީހުން "ފެލަނީ" އެވެ.

ނޯޓިހެއް ނުވަތަ އިންޒާރެއް ދިނުމެއް ނެތި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުން ގެންދަނީއެވެ.މައްސަލަ ހައްލުކުރެވޭނެ ދުވަހެއް ފެނަކައަށް އަންދާޒާ ކޮށްލަން ވެސް ނޭނގެއެވެ.

މިކަންތައް މިހެން ހުރި ނަމަވެސް ޓީވީތަކަށް އަރާވަޑައިގެން ޖޯޝާއި ފޯރީގައި އިބްރާހިމްދީދީ ދައްކަވަނީ އެހެން ބޭފުޅުން "ލަދުގަންނަން" ޖެހޭ ވާހަކައެވެ. ކުޅުދުއްފުށީގައި އެމްއާރްއައި ހެދޭތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަދުގަންނަން ޖެހޭ ވާހަކައެވެ. އިބްރާހިމްދީދީ އެހެން ވިދާޅުވި ނަމަވެސް ކުޅުދުއްފުށީގައި އަދި އެމްއާރްއައި ހަދާކަށް ނުފަށައެވެ.

ހަގީގަތުގައި ލަދުގަންނަން ވީ ނަޝީދެއް ނޫނެވެ. ލަދުގަންނަންވީ އިބްރާހިމްދީދީ އާޢި އައްޑޫގައި ފެނަކައިން ހިންގާ އިންޖީނުގޭގައި ތިއްބެވި ވެރިންނެވެ. ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބާފައި ރައީސް ޔާމީނަށް ޝުކުރު އަދާކުރާށޭ ބުނުމުން އެއީ ރައްޔިތުންނަށް ކުރެވޭ މަލާމާތެކެވެ. އޭގެ ސަބަބުން ރައްޔިތުން ރައީސް ޔާމީނަށް ކުރާނީ ނަފްރަތެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް 4 އަހަރު ވެގެން ދާއިރު އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވުމަކީ މައްސަލައެކެވެ. އެކަމުން ހާމަވެގެން ދަނީ ފެނަކަ ފެއިލްވެފައިވާ ކަމެވެ. ޤަބޫލުކުރަން ދަތިވިޔަސް ހަގީގަތަކީ މިއީއެވެ.

އެ ހަގީގަތް ޤަބޫލުކުރައްވައި މިއަދު މަޖިލިސް މެންބަރުންގެ ޒިންމާއަކަށް ހައްދަވަން ވީ ފެނަކައިގެ އިސްވެރިން ޒިންމާދާރު ކުރުވުމެވެ. ސަރުކާރުގެ މޫނުމަތީގައި ގޮދަން ފުށް ޖަހައި ރީތި ކުރުމެއް ނޫނެވެ.

ކިތަންމެ ވަރަކަށް އާދޭސް ކުރިޔަސް، އަދި އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވެނީސް އައްޑޫ ރައްޔިތުން ޝުކުރެއް އަދާ ނުކުރާނެއެވެ. އަތެއް ވެސް ނުޖަހާނެއެވެ.