Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހިތަދޫގައި މާރާމާރީއެއް ހިންގައި ދެ މީހަކު ޒަޚަމްކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިންގި މާރާާރީ އެއްގައި 2 މީހަކު ޒަޚަމްކޮށްލައިފިއެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ މަލްޓީ ސްޓޯރް ކައިރީގައި ހިންގި މާރާމާރީޣައި ޒަޚަމްވި 2 މީހުންނަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި އެކެއްގެ އަރިކައްޓާއި ދިމާލަށް ވަނީ ވަޅި ހަރާފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ފުލުހުންނެވެ.

މަންޒަރު ދުށް މީހަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ޒުވާނާގެ ބުރިކައްޓާއި ދިމާލަށް ހެރި ވަޅި ނައްޓާލާފައިނުވާ ކަމަށެވެ.

ހިތަދޫ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މީހާ އަށް ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު މިވަގުތަށް ސްޓޭބަލް އެވެ. އެހެން ނަމަވެސް އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށެވެ.

މިރޭގެ މާރާމާރީގައި ޒަޚަމްވި ދެވަނަ މީހާގެ ބޮލަށް އަނިޔާވެފައި ވާއިރު އޭނާއަށް އިމަޖެންސީ ރޫމްގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް އޭނާގެ ބޮލަށް ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ނޫން ކަމަށް ހޮސްޕިޓަލުގެ މެނޭޖަރ ނަޖީބް ވަނީ ވިދާޅުވެފައެވެ.

މިރޭގެ މާރާމާރީ ހިންގާފައި ވަނީ މަލްޓީ ފިހާރަ ހުންނަ ހިސާބުން ކަރަންޓު ކަނޑާލާފައި އޮތް ވަގުތެއްގައެވެ.