ކޮށިގަނޑެއް ޖަހައި އޭގެ ނިވަލުގައި މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ބައިންދައިގެން ފަށާ ތާރީހީ ޖަލްސާއަށް ފަހު އައްޑޫގެ ކަރަންޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީއަށް ހުށަހަޅުވާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖްލިސް މެމްބަރ ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.
ރޮޒޭ މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ މާދަމާ މަޖްލިސް ހުޅުވުމާއިއެކު އައްޑޫ ކަރަންޓްގެ މައްސަލަ ކޮމެޓީއަށް ހުށަހަޅުއްވާނެކަމަށެވެ.
ރޮޒޭ ވަނީ އައްޑޫ ރައްޔިތުންނަށް ކަރަންޓާއި ބޯފެން މާލެއަށް ވުރެ ބޮޑުކޮށް ވިއްކާ މައްސަލާގައި ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިއުއެސްސީގެ ވެރިންގެ އިތުރުން އެންވައިރަމެންޓް މިނިސްޓަރ ޠޯރިގް އިބްރާހިމް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކޮށް ސުވާލުކޮށްފައެވެ.
އެ ކޮމެޓީގައި ސްޓެލްކޯ އާއި ފެނަކައިން ކަރަންޓް ފޯރުކޮށްދޭ އަގު ބަދަލު ކުރެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ 4 ޖަނަރޭޓަރ ސެޓް ހަލާކުވުމާއި ގުޅިގެން އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑަމުންދާތާ 5 ދުވަސް ވެފައިވާއިރު މިކަމަށް ހައްލެއް ލިބެން އަދިވެސް ހަފްތާއެއް ނަގާނެކަމަށް ވަނީ މައުލޫމާތު ލިބިފައވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ އިންޖީނުތައް މަރާމާތު ނުކުރެވިގެން އުޅެނީ ސްޕެއާ ނުލިބިގެން ކަމަށެވެ.