Last Updated: June 29, 10:33
Monday, June 29, 2026
މުނިފޫހިފިލުވުން

"ޕަދްމާވަތީ" ގެ ޓްރެއިލާއިން ބަންސާލީގެ ރަހަގަނޑު

"ޕަދްމާވަތީ" ގެ މައިގަނޑު ތިން ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯން އާއި ރަންވީރް ސިންގްގެ އިތުރުން ޝާހިދް ކަޕޫރްގެ ކެރެކްޓާތައް ވަކިވަކިން ދައްކާލުމަށް ފަހު، ފިލްމްގެ ރަސްމީ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ މަޝްހޫރު މޭވަރްގެ ރާނީ ކަމަށްވާ ރާނީ ޕަދްމާވަތީ އާއި ރާޖްޕޫތު ހަނގުރާމަވެރިއެއް ކަމަށްވާ މަހާރަވަލް ރަތަން ސިންގް އާއި ސުލްތާން އަލާއުއްދީން ޚިލްޖީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ލޯބީގެ ތާރީހީ ފިލްމެކެވެ.

"ޕަދްމާވަތީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަދިތީ ރާއީ ހައިދަރީ، ޖިމް ސަރްބް، ސޯނޫ ސޫދް އަދި ރާޒާ މުރާދް ފަދަ އެކްޓަރުން ހިމެނެ އެވެ.

މި ފިލްމްގައި ދީޕިކާ އާއި ޝާހިދް ފެނިގެން ދާނީ ދެމަފިރިންގެ ގޮތުގަ އެވެ. ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބުނާ ގޮތުގައި ފިލްމަށް އާންމުންގެ ފަރާތުން މިހާތަނަށް ލިބިފައިވާ ތަރުހީބާ މެދު އޭނާ ވަރަށް ހިތްހަމަޖެހެ އެވެ. އަދި މި ފިލްމަކީ ރާޖްޕުތް ފިރިހެނުންނާއި އަންހެނުންނަށް އެރުވޭ ހަދިޔާއެއް ކަމަށާއި މިއީ މުޅި ޤައުމު ވެސް ފަޚުރުވެރިވާ ފަދަ ވާހަކައެއް ކަމަށް ވެސް އޭނާ ބުނެ އެވެ.

ޖުމްލަ 1.6 ބިލިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ޑިސެމްބަރު އެކެއްގަ އެވެ.