ރާނީ މުކަރްޖީއަކީ އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ޤަދަރުވެރި އެއް އެކްޓްރެސް އެވެ. ފިލްމްތަކުގައި ވަރުގަދަ ޕާފޯމެންސްތައް ދިނުމުގެ އިތުރުން ރާނީ އަކީ އިންޑިއާ އާއި ބޭރު ޤައުމްތަކުގައި ވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ. ރާނީގެ މަޝްހޫރުކަމާއި މަޤްބޫލްކަމުގެ ސަބަބުން މޮރިޝަސްގެ ސަރުކާރުން ވަނީ ރާނީ އަށް "އައުޓްސްޓޭންޑިން ކޮންޑްރިބިއުޝަން ޓު ސިނެމާ އެވޯޑް" ދީފައެވެ.
މި އެވޯޑް ރާނީ އަށް ދީފައި ވަނީ މޮރިޝަސް އިން އެޤައުމުގެ 50 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ބޭއްވި ޙަރަކާތެއްގަ އެވެ.
އެވޯޑް ރާނީ އާއި ހަވާލުކޮށްދިނީ މޮރިޝަސްގެ ބޮޑުވަޒީރު، ޕްރަވިންދް ކުމާރް ޖަގްނައުތް އެވެ. އެ އެވޯޑް ހަވާލުކޮށްފައި ވަނީ މިހާރު މޮރިޝަސް ކުރިއަށްދާ 'މޮރިޝަސް ސިނެމާ ވީކް' ގެ ތެރެއިންނެވެ.
މި ފެސްޓިވަލަކީ މޮރިޝަސްގެ 50 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ބާއްވާ ޚާއްސާ ފިލްމް ފެސްޓިވަލެކެވެ.
އެވޯޑާއި ހަވާލުވުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރާނީ ބުނި ގޮތުގައި މިފަދަ ޝަރަފެއް މޮރިޝަސް އިން އޭނާ އަށް އެރުވީތީ، އެކަމާއިމެދު އޭނާ ވަރަށް ޝުކުރުވެރިވެ ފަޚުރުވެރިވާ ކަމަށެވެ.
ރާނީ އަކީ މިހާތަނަށް ބޮލީވުޑަށް އައި އެންމެ ކާމިޔާބު އެއް އަންހެން ތަރިއެވެ.