Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެމްޑީޕީގެ އެއްވުމަކަށް ހަމަލާ ދިނީ ފައިސާ ދީގެން: ނިޒާރު

2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އެމްޑީޕީން އައްޑޫގައި ބޭއްވި ޖަލްސާގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ހަމަ ނުޖެހުން ހިންގާފައި ވަނީ ސަރުކާރުގެ ވެރިންތަކެއް ފައިސާ ދީގެން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ޖަލްސާއެއްގެ ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގެ ތެރެއަށް ވަން މީހުން ބަނދެފައި ފުލުހުންނާއި ހަވާލުކުރީ ޖަލްސާއަށް ދިޔަ މީހުން ކަމަށެވެ. އެމީހުން ފުލުހުންނަށް ވެސް ހަމަލާދިން ކަމަށާއި އެ މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ނަޝީދު އިންނެވި ޖަލްސާއެއްގެ ތެރެއަށް ދަގަނޑު ހޮޅިބުރިތަކެއް ހިފައިގެންް ސަރުކާރުގެ މަތީ ވެރިންތަކެއް ފައިސާދީގެން [ދަގަނޑު ދީފައި] އެމީހުން ބޮއެގެން ޖަލްސާގެ ތެރެއަށް ވަނީ. އެތަނުން އެތާ އެތައް ހާސް ބަޔަކު ތިބީމާ އެމީހުން ބަނދެފައި އެމީހުން ފުލުހުންނަށް ވެސް ހަމަލަދިން އަޅުގަނޑުގެ ގޭ ކުރިމަތިން، އަޅުގަނޑުގެ ގެ ކައިރީގެ ކުދިން ވެސް އޭގެ ތެރޭގައި ހިމެނޭ"، ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ޖަލްސާގެ ތެރެއަށް ވަން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމްޑީޕީ ހިތަދޫ އޮފީހުގައި ވެސް ރޯކޮށްލި ކަމަށެވެ.

މިހުރިހާ ޖަރީމާތަކެއް ހިންގި މީހުން 24 ގަޑިއިރު ތެރޭގައި ދޫކޮށްލީ ސަރުކާރުގެ މުއައްސަސާތަކުންނާއި ކުންފުނިތަކުން ވަޒީފާ ހަމަޖައްސައިދީފައި ކަމަށާއި ފުލުހުންގެ އިންޗާޖަކަށް އޭރު އައްޑޫގައި ހުންނެވި ބޭފުޅާއަށް ވެސް ޕްރޮމޯޝަން ދީފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ލޯ ކުރިމަތިން އެކަން ހިނގާދިޔައީ އެމީހުން ފުލުހުންނާ ހަވާލުކުރުމަށްފަހު އޭގެ މާ ގިނަ އިރުތަކެއް ނުވެ އަޅުގަނޑުމެންގެ ކެމްޕެއިން އޮފީސް ރޯކޮށްލީ ރޯކޮށް އަންދާ ހުސްކޮށްލީ. މިދެންނެވި ކުދިން ދޫކޮށްލީ 24 ގަޑިއިރު ތެރޭގައި ސަރުކާރުގެ މުއައްސަސާތަކުން ވަޒީފާ ދީފައި ސަރުކާރުގެ މުއައްސަސާތަކުން ވަޒީފާ ދީފައި" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އާންމު ޖަލްސާއެއްގައި ރައްޔިތުންނާއި މުޚާތަބުކޮށް މި ވާހަކަތައް ދައްކަވަނީ ހެކި ހުރުމުން ކަމަށެވެ.

"އަޅުގަނޑު ޕަބްލިކްގައި ރައްޔިތުންނާއި މުޚާތަބުކޮށް އޯޕަންކޮށް ޕޯޑިއަމްގައި މިދަންނަވަނީ މިކަމުގެ ހެކި ހުރީތީ .މިކަމުގެ ހެކި ހުރީތީ އަޅުގަނޑު މިވާހަކަ މިދައްކަނީ، ކެރިގެން އަޅުގަނޑު މިވާހަކަ މިދައްކަނީ ސަރުކާރުގެ އޮފީސްތަކުންނާއި ކުންފުނިތަކުން ވަޒީފާ ދީފައި އެކުދިން (އެމްޑީޕީ ޖަލްސާގެ ތެރެއަށް ވަދެ ހަމަލަދީގެ ހައްޔަރުކުރި މީހުން) ފުލުހުންގެ މުއައްސަސާއިން ނެރުނީ" -އަލީ ނިޒާރު-

ނިޒާރު އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ފާއިތުވި މުއްދަތުގައި ރާއްޖޭގެ ކަންތައް ހިނގާފައިވާ ގޮތުން އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ނުޖެހޭ ކަމަށެެވެ. އަދި ރައީސް ޔާމީން ވެރިކަމުން ޢަޒުލުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.