Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ޔުނިވަސިޓީގައި ރައީސްގެ ރިސަޗް ފެލޯޝިޕެއް ގާއިމު ކުރަނީ

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީގައި ރައީސުލްޖުމްހޫރިއްޔާގެ ރިސަޗް ފެލޯޝިޕެއް ޤާއިމު ކުރައްވަން ގަސްދު ކުރައްވާ ކަމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ ޔުނިވަސިޓީގެ "ދަ ޕޯސްޓް ގްރެޖުއޭޓް ރިސަޗް ސެންޓަރު" ހުޅުއްވައި ދެއްވުމަށާއި، އެ ޔުނިވަސިޓީގެ ހަތަރު ވަނަ ސްޓްރެޓެޖިކް ޕްލޭން ނެރުއްވައި ދެއްވުމަށް މިއަދު ހަވީރު އެ ޔުނިވަސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަމާ ބެހޭ ލިޔެކިޔުންތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޔުނިވަސީޓީ އަށް ފޮނުއްވާނެ ކަމަށާއި، ޤައުމުގެ ހާލަތު ހުރި ގޮތުންނާއި ބަޖެޓު ތަން ނުދޭތީއާ އެކު މި ވަގުތު ޤާއިމު ކުރެއްވެން އޮތީ އެއް ފެލޯޝިޕް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޔުނިވަރސިޓީގެ ރިސަރޗް ސެންޓަރ މިއަދު ހުޅުވުނުކަމީ، މުޅިޤައުމު އެކަމަށްޓަކައި އުފާކުރާނެ ކަމެއް ކަމަށާއި، މިއީ ވަރަށް މުހިންމު މަރުކަޒެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު މި ނެރެވުނު ޔުނިވަރސިޓީގެ 4 ވަނަ ސްޓްރެޓެޖިކް ޕްލޭންގެ ސަބަބުން، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ޔުނިވަރސިޓީއަށް އިތުރު ކާމިޔާބީތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޔުނިވަސިޓީއަކީ ހަމައެކަނި ޢިލްމު އުނގަންނައިދޭ ތަނެއް ނޫން ކަމަށާއި، ޔުނިވަސިޓީއަކީ ޢިލްމު އުފައްދާ ތަނެއް ކަމަށް ވިދާޅުވި އެވެ. އަދި އާ ޢިލްމު އުފެއްދުމުގެ މަސައްކަތް ރަސްމީ ގޮތުން މިއަދު ފަށާ އިރު، ވިސްނާލަން ޖެހޭ ނުކުތާތަކެއް އެބަހުރިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި ރައްޔިތަކު ދިރިއުޅޭ ޤައުމަކަށްވާ އިރު، މި ޤައުމުގެ ކުރިއެރުން ވެސް ބިނާވެފައި އޮތީ އިސްލާމީ އުސޫލުތަކުގެ މައްޗަށެވެ. އެހެންވެ ޔުނިވަސިޓީގައި އުފައްދާ ޢިލްމަކީ، އަޅުގަނޑުމެންގެ ޤައުމާއި، ޤައުމުގެ ދީނާއި، ޤައުމުގެ ޤައުމިއްޔަތާއި ޘަޤާފަތާ ގުޅިފައިވާ އެއްޗަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މި ރާއްޖޭގެ ތަރައްޤީއަށްޓަކައިވެ ސް، ތަފާތު ރޮނގުރޮނގުން އިތުރު ޢިލްމު ބޭނުންވާ ކަމާއި، އިތުރު ހޯދުންތައް ހޯދަން ޖެހޭކަން ރައީސް ހާމަ ކުރައްވަމުން، އެންމެ ފުރަތަމަ ކުރަންޖެހޭ އެއް ކަމަކީ، ރިސަޗްގައި ބޭނުން ކުރާ ބަސްތައް އުފެއްދުން ކަމުގައި ވިދާޅުވި އެވެ.
ފުރަތަމަ ފެށޭ އިރު އިނގިރޭސި ބަހުން ރިސަޗް މަސައްކަތް ކުރެވުނު ކަމުގައިވީ ނަމަވެސް، މުސްތަޤްބަލުގައި ދިވެހި ބަހުން ވެސް ރިސަޗް ކުރަން ޖެހޭނެ ކަމަށާއި، އެގޮތުން ރިސަޗް ކުރާ އިރު އިނގިރޭސި ބަސްތައް ދިވެހި ބަހަށް ގެންނާނެ ގޮތަކާ ދޭތެރޭގައި ޚިޔާލު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ދަ ޕޯސްޓް ގްރެޖުއޭޓް ރިސަޗް ސެންޓަރު ހުޅުއްވައި ދެއްވުމަށް ފަހު އެ ސެންޓަރު ބައްލަވާލެއްވި އެވެ.